ޑުރަގާ ދެކޮޅަށް މުޅި ރާއްޖޭގައި ފެށި ޚާއްސަ އޮޕަރޭޝަން ކަމަށްވާ "އަލިމަގު" ގެ ތެރެއިން، އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓުވޯކެއްގެ އިސް މީހުންތަކެއް ހައްޔަރުކޮށްފައިވާކަން މިއަދު ފުލުހުން ހާމަކޮށްފިއެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމުގައި އެންމެ އިސްކޮށް އުޅޭ މީހުންނާއި، އެކަމުގައި ބައިވެރިވާ މީހުން ހޯދައި ހައްޔަރުކުރުމަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމަށް މިދިޔަ މަހުގެ އެއްވަނަ ދުވަހު ފަސް ސަތޭކަ ފުލުހުން ބައިވެރިވެގެން ފެށި ގައުމީ ފެންވަރުގެ މަސައްކަތެކެވެ.
ފުލުހުން މިއަދު މިޑިއާތަކަށް ފޮނުވި އެންމެ ފަހުގެ މެސެޖުގައި ބުނެފައިވަނީ، އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ބޮޑަށް ކުރާ އެއް ނެޓުވޯކުގެ އިސް މީހުންތަކެއް ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ނެޓްވޯކްގެ އިސް މީހުންނަށް އަމާޒުކޮށް، މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގެއް ފުލުހުން ފެށީ މިދިޔަ މާރިޗު މަހުގައި ކަމަށް ވެއެވެ. ނަމަވެސް، ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ނެޓްވޯކްގެ ހަރަކާތްތައް ތަހުގީގުކުރުމުން ފާހަގަވެފައިވާ ގޮތުގައި، އެމީހުން 2017 ވަނަ އަހަރުން ފެށިގެން ދަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންނެވެ. ފުލުހުން ހާމަކުރި މައުލޫމާތަށް ބަލާއިރު، މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދައުރުކޮށްފައެވެ. މި އަދަދުން ދައްކައިދެނީ މި ނެޓްވޯކްގެ ވިޔަފާރީގެ ފުޅާ ދާއިރާއާއި، އެކަމުގެ ސަބަބުން ގައުމީ އިގްތިސާދަށް އަންނަ ގެއްލުމެވެ.
މީގެ ކުރިން، މިދިޔަ މަހު 25 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، އަލިމަގު އޮޕަރޭޝަނުގެ ތެރެއިން ޖުމުލަ 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، 188،959 ރުފިޔާ ފެނުނު ކަމަށް ހާމަކޮށްފައެވެ. އައްޑޫގެ ނެޓްވޯކާ ގުޅޭ ތަފްސީލުތަކާއެކު، މި އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތުތައް ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ބުނެއެވެ.


