ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމަށް އަހުމަދު މަހުލޫފް މިއަދު އައްޔަނުކުރައްވައި، ރައީސް މުހައްމަދު މުއިއްޒު ވަނީ މަގާމުގެ ލިޔުން ހަވާލުކުރައްވައިފި އެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، މަހުލޫފް އަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ. މި މަގާމަށް މަހުލޫފް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އިއްޔެ އެވެ.
މި މަގާމު ހުސްވެފައި އޮތީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ސޯބިރު މިދިޔަ ޖުލައި މަހު އަވަހާރަވުމާ ގުޅިގެންނެވެ. ސަފީރުގެ މަގާމަށް މަހުލޫފް އައްޔަންކުރައްވާފައި މިވަނީ، އެމަނިކުފާނުގެ ދިގު ސިޔާސީ ހަޔާތެއްގެ ތެރެއިން އެކި ސިޔާސީ ޕާޓީތަކުގައި ހިމެނިވަޑައިގެން، ސަރުކާރުގެ އިސް މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް މަހުލޫފް އައްޔަންކުރައްވާފައިވާ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މަހުލޫފް ސަފީރުކަމަށް އައްޔަންކުރީ މަޖިލީހުން ރުހުން ދިންތާ 24 ގަޑިއިރެއްހާ އިރުގެ ތެރޭގައެވެ.
ރާއްޖޭން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް މަހުލޫފް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 26ވަނަ ދުވަހެވެ. އެ ދުވަހު މަހުލޫފްގެ ނަން ދިރާސާކުރުމަށް ރިޔާސަތުން ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ. މަޚްލޫފާ އިންޓަވިއުކުރުމަށް ފަހު ކޮމިޓީން ނިންމީ މަހުލޫފް އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށެވެ.
މީގެކުރިން ޑީއާރްޕީ، ޕީީޕީއެމްގެ ހަރަކާތްތެރިވި މަހްލޫފް ދާދި ފަހަކާއި ޖެހެންދެން އެމްޑީޕީގައި ހުންނެވުމަށްފަހު އެ ޕާޓީން ވަކިވެ މިހާރު ވެރިކަންކުރާ ޕީއެންސީ އާއި ގުޅިވަޑައިގަތީ މިދިޔަ މަހުގައެވެ. އަދި މަހުލޫފަށް ސަފީރުކަން ދިނުމުން ސިޔާސީ ބޭފުޅުންގެ ނުރުހުމާއި ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ.


