ލ. ގަމުގައި ހުންނަ އިންޖީނުގޭގައި މިއަދު އަލިފާން ރޯވުމުގެ ސަބަބުން މުޅި ރަށުން ކަރަންޓު ކެނޑި، ރަށުގެ ހިދުމަތްތަކަށް ބުރޫއަރައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު ގާތްގަނޑަކަށް 2:45 ހާއިރުއެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިންގެ އިތުރުން އާންމު ރައްޔިތުން ވެސް ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަލިފާން ރޯވި ހާދިސާގެ ތެރޭގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. ސިފައިންގެ މަސައްކަތުން އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކުރެވިފައެވެ. ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަނީ އިންޖީނުގޭގެ އިމާރާތުގެ މަތިން ބޯ، ކަޅު ދުންތަކެއް އަރަމުންދާ މަންޒަރެވެ.
މި ހާދިސާގެ ސަބަބުން ގަމުން ކަރަންޓު ކެނޑިފައިވާއިރު، ކަރަންޓު ލިބޭނެ ސީދާ ވަގުތެއް އަދި ނޭނގޭކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.
ގަމުގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް އަވަހަށް އަނބުރާ ލިބޭނެ ގޮތެއް ހޯދުމަށް ކައުންސިލާއި ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ބެކަޕް ޖެނެރޭޓަރެއްގެ އެހީގައި ވަގުތީ ގޮތުން ކަރަންޓުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާއިރު، އިންޖީނުގޭގެ މަރާމާތުގެ މަސައްކަތް ވެސް އަވަސްކުރުމަށް ވަނީ ނިންމާފައެވެ.


