Tuesday, 28 July 2026

ތޫފާން ދީތްވާއިން ލިބުނު ގެއްލުންތަކަށް ފަހު ދިވެހިންގެ އެއްބައިވަންތަކަމުން ސްރީ ލަންކާގެ ރައްޔިތުން ރޮއްވާލައިފި

ތޫފާން ދީވްތާގެ ސަބަބުން ސްރީ ލަންކާއަށް ގެއްލުންވެ، އެތައް ހާސް ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކުރި ވަގުތު، ސްރީ ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިން ވަނީ ހިތްވަރާއި އެއްބައިވަންތަކަން ދައްކުވައިދީފައެވެ. އެގޮތުން ދިވެހި ސަރުކާރުގެ އެހީއިން ފެށިގެން އަމިއްލަ ފަރުދުންގެ އެހީތަކާއި ހަމައަށް، ދިވެހިރާއްޖެއިން ފޯރުކޮށްދިން އިންސާނީ އެހީތެރިކަމުގެ ސަބަބުން ސްރީ ލަންކާގެ ރައްޔިތުންގެ ފަރާތުން ދަނީ ލޯތްބާއި، ޝުކުރުވެރިކަމުގެ ބަސްތައް އޮހެމުންނެވެ.

ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ޝެއާކޮށްފައިވާ ޕޯސްޓެއްގައި، ސްރީ ލަންކާގެ ރައްޔިތަކު ވަނީ ދިވެހި ރައްޔިތުންނަށް ހިތުގެ ފުންމިނުން ޝުކުރު އަދާކޮށް، އެހީތެރިކަން ބޭނުންވާ ދުވަހެއްގައި ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވައުދުވެފައެވެ.

"ދިވެހިރާއްޖެއަށް އެހީ ބޭނުންވާ ދުވަހެއް އަތުވެއްޖެނަމަ، އެމީހުންނަށް ހައްގުވާ އެއްޗެއް އަދި އަހަރެމެންގެ އަތުގައި ހުރި ހުރިހާ އެއްޗެއް ވެސް އަހަރެމެން ދޭނަން." އެމީހާގެ ޖަޒުބާތުން ފުރިގެންވާ އެ ޕޯސްޓުގައި ލިޔެފައިވެއެވެ. އަދި ގިނަ ދިވެހިން ގައުމީ ޓެލެތޯނަށް އެއް ދުވަހުގެ މުސާރަ ހަދިޔާކުރިކަން ފާހަގަކޮށް އެއީ ސްރީ ލަންކާގެ ގިނަ ބަޔަކަށް މަހެއްގެ މުސާރައާ އެއްވަރުގެ އަދަދެއް ކަމަށް ވެސް އޭނަ ފާހަގަކޮށްފައިވެއެވެ.

އެ ޕޯސްޓުގައި ވަނީ ދިވެހިރާއްޖޭގެ އެހީގެ މަސައްކަތްތަކުގެ ތެރެއިން ލިބުނު މާލީ އެހީގެ ބައެއް ތަފްސީލުތައް ހިމަނާފައެވެ. ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެކަނި އެއް ދިވެހި ފަރުދަކު 200،000 އެމެރިކާ ޑޮލަރު ހަދިޔާކޮށްފައިވާއިރު، ދިވެހި ސަރުކާރުން ވަނީ 50،000 އެމެރިކާ ޑޮލަރުގެ އެހީއެއް ވައުދުވެފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ސްރީ ލަންކާގެ ރައްޔިތުންގެ އަމިއްލަ ފަންޑްރައިޒިން މަސައްކަތްތަކުން 33،000 އެމެރިކާ ޑޮލަރު އެއްކޮށްފައިވާއިރު، ދިވެހި ބޭންކަކުން ވަނީ އެހީގެ މަސައްކަތަށް 20،000 އެމެރިކާ ޑޮލަރު ހަދިޔާކޮށްފައެވެ.

މީގެއިތުރުން އެ ޕޯސްޓުގައި ވަނީ ކާރިސާގެ ވަގުތުގައި ދިން އަމަލީ އެހީތެރިކަމަށް ވެސް އަލިއަޅުވާލާފައެވެ. އެގޮތުން ސައިކްލޯން އެރި ވަގުތު، ދިވެހި މޯބައިލް ނެޓްވޯކް ދޭ ފަރާތްތަކުން ވަނީ ސްރީ ލަންކާއަށް ހިލޭ ގުޅޭނެ ގޮތް ހަދައިދީ، ނޭނގުމުގެ ނާޒުކު ވަގުތުތަކުގައި އާއިލާތަކަށް އެކަކު އަނެކަކާ ގުޅޭނެ މަގު ފަހިކޮށްދީފައެވެ. އަދި ކާނާގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީވުމުގެ ގޮތުން، ދިވެހި ސަރުކާރުން ވަނީ 25،000 ކޭސްގެ ދަޅުމަސް (ގާތްގަނޑަކަށް 1.2 މިލިއަން ދަޅު މަސް) ފޮނުވައިދިނުމަށް ވެސް ވައުދުވެފައެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ ގިނަ ސްރީ ލަންކާގެ ރައްޔިތުން ވަނީ ދިވެހިރާއްޖެއިން ހިންގި ގައުމީ ޓެލެތޯނުގައި އިހުސާސްތައް ފާޅުކޮށްފައެވެ. ބައެއް މީހުން ހާމަކުރި ގޮތުގައި، ކާރިސާގެ ސަބަބުން ސްރީ ލަންކާގައި ތިބި އެމީހުންގެ އާއިލާގެ ހާލު އަދިވެސް ނޭނގެއެވެ. ނަމަވެސް، އެމީހުން ވަނީ ކޮންމެ ހަދިޔާއަކަށް ވެސް ވަރަށް ބޮޑަށް ޝުކުރުވެރިވާކަމަށް ބުނެފައެވެ.

މީގެއިތުރުން ސްރީ ލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ވަނީ، ބައިނަލްއަގްވާމީ އެހީއަށް ސްރީ ލަންކާއިން އެދުމުން އެންމެ ފުރަތަމަ އިޖާބަދިން ގައުމަކީ ދިވެހިރާއްޖެ ކަމަށް ވިދާޅުވެ، ދިވެހިރާއްޖެއަށް ޝުކުރު އަދާކުރައްވާފައެވެ.

ތޫފާން ދީތުވާގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ ސްރީ ލަންކާއަށް އެހީވުމަށް ބޭއްވި ޓެލެތޯން އިއްޔެ ނިންމާލި އިރު 11.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް ވަނީ ހޯދިފައެވެ. މި ޓެލެތޯން އަށް ސަރުކާރުގެ ކުންފުނިތަކާއި، އާންމު ފަރުދުން އަދި އަމިއްލަ ކުންފުނިތަކުންވެސް ފައިސާ ހަދިޔާކޮށްފައިވެއެވެ. އަދ ލަންކާގައި ދިރިއުޅޭ ދިވެހިން އަމިއްލައަށް އިސްނަގައިގެންވެސް ވަނީ ޓިކްޓޮކް ލައިވް އާއި އދަިވެސް އެހެނިހެން ގޮތްގޮތަށް ޑޮނޭޝަން ހޯދައިގެން ލަންކާގެ އެކި ހިސާބުތަކަށް ގޮސް އެހީގެ ތަކެތި ބަހާފައެވެ.

ސްރީ ލަންކާއިން ފާއިތުވި އަހަރުތަކުގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް ދިން ގުދުރަތީ ކާރިސާއިން އަރައިގަތުމުގެ ދިގު އަދި އުނދަގޫ މަސައްކަތް ކުރަމުންދާއިރު، ދިވެހިންގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަން ހަމައެކަނި މާއްދީ އެހީއަށްވުރެ މާ ބޮޑެވެ. މިކަން ސޯޝަލް މީޑިޔާގައި ސްރީ ލަންކާގެ ރައްޔިތުންނާއި، ޑައިއަސްޕޯރާ ކޮމިއުނިޓީތަކާއި، އޮފިޝަލުންގެ ފަރާތުން ފާޅުވި އިހުސާސްތަކުން ދައްކުވައިދެނީ ލިބުނު އެހީއަށް ޝުކުރުވެރިވުން އެކަނި ނޫނެވެ. އެއީ ރަހުމަތްތެރިކަމާއި އިންސާނިއްޔަތުގެ ގުޅުމަކުން ގުޅިފައިވާ ދެ ގައުމުގެ މެދުގައި އާ އެއްބައިވަންތަކަމެއް، އޯގާތެރިކަމެއް، އަދި ދެފަރާތުގެ ވެސް ވަރުގަދަ އަޒުމެއް އާވެގެން ދިޔުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *