އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ދެމުން އައި 175،000 ރުފިޔާ ކަނޑާލުމުގެ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މަޖިލީހަށް ހާޒިރުވެ ތިއްބެވި 68 މެންބަރުންގެ އިއްތިފާގުން މި އިސްލާހު ފާސްކުރިއިރު، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ވަނީ ބިލަށް ތާއީދުކުރައްވާފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި މި އިސްލާހުގައި ވަނީ އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި ކުރީގެ ރައީސުންނަށް ދެމުން އަންނަ 175،000 ރުފިޔާގެ އިނާޔަތް ކަނޑާލާށެވެ. މީގެ އިތުރުން، ކުރީގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ، އެ މުއްދަތުގައި އިނާޔަތްތައް ނުލިބޭ ގޮތަށް ވެސް އިސްލާހުގައި ހިމަނާފައިވެއެވެ. އަދި، ކުރީގެ ރައީސަކު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނަމަ، އެ މުއްދަތުގައި އެ ބޭފުޅަކަށް ހިމާޔަތާއި ރައްކާތެރިިކަން ފޯރުކޮށްދިނުން ލާޒިމުނުވާ ގޮތަށް ވެސް ވަނީ ހިމަނާފައެވެ.
މި އިސްލާހުގެ ދަށުން ކުރީގެ ނައިބު ރައީސުންނަށް ވެސް ބައެއް އިނާޔަތްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މާލީ ގޮތުން ދޭ އިނާޔަތެއްގެ ގޮތުގައި މަހަކު 30،000 ރުފިޔާ ދިނުމަށާއި، ދިވެހިރާއްޖެއާއި ބޭރު ގައުމުތަކުން ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ކަނޑައަޅާފައެވެ. ފުރަތަމަ އިސްލާހު ހުށަހެޅިއިރު ނައިބު ރައީސުންނަށް އިނާޔަތުގެ ގޮތުގައި ދޭން ކަނޑައަޅައިފައި އޮތީ 25،000 ރުފިޔާއެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި 30،000 ރުފިޔާއަށް ވަނީ އިތުރުކުރެވިފައެވެ. ނަމަވެސް، ނައިބު ރައީސުން ވެސް މަގާމަކަށް ވަޑައިގެންފިނަމަ، އެ މުއްދަތުގައި އިނާޔަތްތައް ނުލިބޭނެއެވެ.
މިހާރު އޮތް ގާނޫނުގެ ދަށުން ކުރީގެ ނައިބު ރައީސުންނަށް އެއްވެސް އިނާޔަތެއް ނުލިބޭއިރު، އާ އިސްލާހާ އެކު ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް އެކަންޏެވެ. އަދި، އާ އިސްލާހުގައި އިގުތިސާދީ ތަދުމަޑުކަމަކާ ގުޅިގެން ކޮންމެހެން ޚަރަދު ކުޑަކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ސަރުކާރުން ބޭނުންވާ ގޮތަށް ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް ދޭ އިނާޔަތްތަކަށް ބަދަލު ގެނެވޭނެ ކަމަށް ވެސް ވަނީ ހިމަނާފައެވެ. އެކަން ކުރަން މަޖިލީހަށް ކޮންމެހެން ހުށަހަޅާކަށް ނުޖެހޭނެއެވެ.
ކުރީގެ ރައީސުންނަށް ދެމުން އައި ބައެއް އިނާޔަތްތައް ކަނޑާލަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ސެޕްޓެންބަރު 10 ގައެވެ. ކުރީގެ ރައީސުންނަށް އިނާޔަތް ދޭން ފެށީ 2009 ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން، ކުރީގެ ރައީސުންނަށް އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި 175،000 ރުފިޔާގެ އިތުރުން، އެއް ދައުރު ފުރިހަމަކުރި ރައީސަކަށް މަހަކު 50،000 ރުފިޔާ އަދި ދެ ދައުރު ފުރިހަމަކުރި ރައީސަކަށް 75،000 ރުފިޔާގެ މަގުން އިނާޔަތް ދެއެވެ. އަދި ދިރިއުޅޭނެ ތަނެއް ހަމަޖައްސަން އިތުރު 50،000 ރުފިޔާއެއް ދެއެވެ.


