ސަރުކާރު ސްކޫލުތަކުގެ ޔުނީފޯމްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމައި، 2027 ވަނަ އަހަރުން ފެށިގެން ހަތަރު ކުލައަކަށް ޔުނީފޯމްތައް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ. މި ބަދަލުގެ ސަބަބުން ޔުނީފޯމްތައް އަގުހެޔޮވެ، ޔުނީފޯމްގެ މޮނޮޕޮލައިޒްކުރުން ހުއްޓުވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި ހަވާލާދީ ބައެއް ނޫސްތަކުން ވަނީ ޔުނީފޯމްތައް ބަދަލުކުރާނީ ތައްޔާރުވުމަށް އެއް އަހަރުގެ މުއްދަތެއް ދިނުމަށްފަހު ކަމަށް ބުނެފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ބަދަލުގެ ސަބަބުން 90 ޕަސެންޓް ސްކޫލުގެ ޔުނީފޯމް ބަދަލުކުރަން ނުޖެހޭނެ އެވެ. އަދި އަލަށް އަމަލުކުރަން ފަށާ ޕޮލިސީގައި އަންހެން ދަރިވަރުންނަށް ޔުނީފޯމް އެޅުމަށް ގިނަ އޮޕްޝަންތަކެއް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ބެގީ ކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތާއި ސްކާޓު ލާން ބޭނުންވާ ކުދިންނަށް އެ ޖާގަ ވެސް ދެން ފަހިވާނެ އެވެ.
މި ހަތަރު ކުލައަކީ ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ކުލަ، ނޫ ކުލަ އެވެ. މި ބަދަލުތަކާއެކު، ޔުނީފޯމުގެ މަތި ނުވަތަ ގަމީސް، އެ ސްކޫލަކުން ބޭނުންވާ ކުލައަކަށް ބަދަލުކުރެވޭނެ އެވެ. ނަމަވެސް، ފަޓުލޫނު ނުވަތަ ޔުނީފޯމުގެ ތިރީ ބައި ހުންނަން ޖެހޭނީ ކަޅު ނުވަތަ ކަޅު ނޫ ކުލައިގަ އެވެ.
ޔުނީފޯމް ޕޮލިސީ ބަދަލުކުރުމުގެ މަޝްވަރާތަކުގައި ގިނަ ޕްރިންސިޕަލުން އެދިވަޑައިގެންފައި ވަނީ، މިހާރު ގްރޭޑް އެކަކުން ފެށިގެން މަތީގެ ދަރިވަރުން ޓައީ އަޅަން ޖެހޭ އުސޫލު، ކީ-ސްޓޭޖު 3 (ގްރޭޑު 7 އިން ފެށިގެން މަތީ)ގެ ކްލާސްތަކުގެ ދަރިވަރުން ޓައީ އަޅަންޖެހޭ ގޮތަށް ބަދަލުކުރުމަށެވެ. އޭރުން އެ ސްކޫލެއްގެ ޔުނީފޯމް ކުލައިން ޓައީ އެޅޭނެ އެވެ. ރަސްމީ ޔުނީފޯމާއެކު، 2027 އިން ފެށިގެން އެކްޓިވިޓީ ޔުނީފޯމަށް ވެސް ކުދި ބަދަލުތައް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ


