Tuesday, 28 July 2026

އެން.ސީ.ޕީ.އެލް.އީ އާއި އިންޑިއާގެ ރަޝްޓްރީޔާ ރަކްޝާ ޔުނިވަރސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް ޕްރޮގްރާމް ނިންމާލައިފި

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް.އީ) އާއި އިންޑިއާގެ ރަޝްޓްރީޔާ ރަކްޝާ ޔުނިވަރސިޓީ (އާރު.އާރު.ޔޫ) ގުޅިގެން ކުރިއަށް ގެންދިޔަ އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. އިސްކަންދަރު ބިލްޑިންގގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

މި ރަސްމިއްޔާތުގައި، އިންޑިއާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަލަސުބްރަމާނިއަމްއާއި، އެން.ސީ.ޕީ.އެލް.އީގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުއް ރަހްމާންގެ އިތުރުން އެގްޒެކެޓިވް އޮފިސަރުންނާއި، ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ. މި ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކަށް ޑީ.ސީ.ޕީ ފަރުހާދު ފިކުރީ ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

މިމަހުގެ 15 އިން 20 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އާރު.އާރު.ޔޫގެ ތަޖުރިބާކާރު މުދައްރިބުންގެ ބެލުމުގެ ދަށުން ހިންގި ކޯހެކެވެ. ޖުމްލަ 22 ފަރާތަކުން ބައިވެރިވި މި ޕްރޮގްރާމްގައި ފުލުހުންގެ އިތުރުން މޯލްޑިވްސް ކަސްޓަމް ސާވިސް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް)، މޯލްޑިވްސް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ އޮފިސަރުން ބައިވެރިވެފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.

މި ޕްރޮގްރާމުގައި ސައިބަރ ހާދިސާތަކާއި ޑިޖިޓަލް ހެކި ގެންގުޅުމަށް އެންމެ ފަހުގެ ވަސީލަތްތަކާއި މެތަޑޮލޮޖީތަކާއި އޮނިގަނޑުތައް ދަސްކޮށްދީފައިވާއިރު، ސައިބަރ ކުށްތަކުގެ ތަހުގީގުތަކުގައި އަމަލުކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް ކޭސް ސްޓަޑީތަކާއި ތަމްރީނުތަކަށް އަމާޒުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި ޒަމާނީ ޑިޖިޓަލް މާހައުލުތަކުގައި ނުރައްކާތައް ކުޑަކުރުމަށް އެންޓަރޕްރައިޒް ސްކޭލް އަދި ކްލައުޑް އިންސިޑެންޓް ރެސްޕޮންސްއަށް ބޭނުންވާ ސްޓްރެޓެޖީތައް ވެސް ދަސްކޮށްދީފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *