އެމްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "އެކްސަސައިޒް އެކަތަ" ގެ 8 ވަނަ ސިލްސިލާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް، ލ.ކައްދޫގައި މިއަދު ފަށައިފިއެވެ. މި ތަމްރީނަކީ ދެ ޤައުމުގެ އަސްކަރިއްޔާގެ ގުޅުން ބަދަހިކޮށް، ކަނޑުގެ ސަލާމަތީ ކަންކަމުގައި ޤާބިލުކަން އިތުރުކުރުމަށް ބާއްވަމުން އަންނަ މުހިންމު ޖޮއިންޓް އެކްސަސައިޒެކެވެ.
ތިން ހަފުތާގެ މުއްދަތަށް ލ.ކައްދޫގައި ކުރިއަށްދާ މި ތަމްރީނު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނަރަލް މުޙައްމަދު އިބްރާހީމްއެވެ. މި ރަސްމިއްޔާތުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޑިފެންސް އެޓާޗޭ، ކެޕްޓަން ދީޕަކް ބާލީއާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު އިފާޒު ވެސް ބައިވެރިވެލެއްވިއެވެ.
އެމްއެންޑީއެފާއި އިންޑިއަން ނޭވީން ގުޅިގެން ހިންގާ މި އަހަރުގެ އެކްސަސައިޒްގައި އެމްއެންޑީއެފްގެ އެކި ޔުނިޓްތަކުން ސިފައިން ބައިވެރިވެއެވެ. އޭގެ ތެރޭގައި އެމްއެންޑީއެފް މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ އޮޕަރޭޓިވްސްއާއި، އެމްއެންޑީއެފް މެރިން ކޯރ، އެމްޑީޔޫތަކުގެ މެރީންސްގެ އިތުރުން އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރއާއި އެމްއެންޑީއެފް ސަރވިސް ކޯރއަށް ނިސްބަތްވާ ސިފައިން ހިމެނެއެވެ.
މި ތަމްރީނުތަކުގެ މައިގަނޑު މަޤްޞަދަކީ ކަނޑުގެ ސަރަޙައްދުގައި ހިންގާ ޚާއްޞަ އޮޕަރޭޝަންތަކަށް ދެ ޤައުމުގެ ސިފައިން ގުޅިގެން ފަރިތަކުރުމެވެ. މިގޮތުން، ޓެކްޓިކަލް ޑައިވިންގ، ފަޔަރިންގ، ސްލިދަރިން އަދި ބޯޑިން ފަދަ ޚާއްޞަ ތަމްރީނުތައް ދެ ޤައުމުގެ ސިފައިން ގުޅިގެން ކުރިއަށް ގެންދާނެއެވެ. މިފަދަ އަސްކަރީ ތަމްރީނުތަކުގެ ސަބަބުން ދެ ޤައުމުގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުވެ، ދިފާޢީ ދާއިރާގައި ގުޅުން ބަދަހިވުމަށް މަގުފަހިވެގެންދެއިރު، މި ތަމްރީނުތައް ކުރިއަށްދާނީ ތިން ހަފުތާގެ މުއްދަތަށެވެ.


