Tuesday, 28 July 2026
ހުސައިން ސަނީ އުމަރު

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތާއެކު ދަ ޓްރެވެލް ގައިސް އިން ސަނީ އުމަރު ވަކިކުރަން ނިންމައިފި

ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުއްވި ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވުމާއެކު، އެ ކުންފުނީގައި އޮތް އޭނާގެ ހިއްސާ އަތުލަައި ކުންފުނިން ވަކިކުރަން ނިންމައިފިއެވެ.

ދަ ޓްރެވެލް ގައިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަނީ އުމަރުގެ ހިއްސާ އަތުލަން ނިންމީ އެ ކުންފުނީގެ ބޯޑުން ކަމަށެވެ. އޭނާގެ ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާ ނުލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"[ސަނީގެ] ހިއްސާތައް މި ކުންފުނީގެ ތެރޭގައި ހުންނާނެ، އަދި ބޭރުގެ އެއްވެސް ފަރާތަކަށް ހިއްސާއެއް ނުވިއްކާނެ، [ހިއްސާތައް ބަދަލުކުރުމުގެ] ކަންކަން ކުރިއަށްދާނީ ގާނޫނުތަކާއި ކޯޕަރޭޓް ގަވަނަންސްގެ މިންގަނޑުތަކުގެ ތެރެއިން، މި ކަންކަން ވީއެންމެ އަވަހަކަށް ކޮށް ނިންމާނަން،" އެ ބަޔާނުގައިވެއެވެ.

ޓްރެވެލް ގައިސް އިން ހިންގާ "ޓްރެވެލޫއުޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިންގަމުން އައީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި ދުވަހުން ދުވަހަށް އެ މީޑިއާ ހިންގުމުގައި ސަނީ އުމަރުގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް ޓްރެލް ގައިސް އިން ބުންޏެވެ.

ސަނީއަށް ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކޮށް ޓްރެވަލް ގާއިސްއިން ބުނީ، އެއީ އެ ކުންފުނިން ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށެވެ. އަދި ސަނީއަށް ތުހުމަތުކުރެވޭ އަމަލުތަކަކީ އެ ކުންފުނީގެ ހިންގުމާއި ހަމަތަކާ ގުޅުންހުރި އަމަލުތަކެއް ނޫން ކަމަށް ބުނެ، އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ވެސް ދަ ޓްރެވަލް ގާއިސްއިން ދިނެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *