ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ ބޭފުޅުންނަށް، ދައުލަތުން މަހަކު 25،000ރ. ގެ އިނާޔަތެއް ދިނުމާ ގުޅޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މި އިސްލާހު ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާ ބެހޭ ޤާނޫނަށް އިސްލާހުތަކެއް ހުށަހެޅުމުގެ ތެރެއިންނެވެ.
މި އިސްލާހުގައި ވަނީ ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް ރައްކާތެރިކަމާއި އިނާޔަތްތައް ދިނުމަށް ވަކި މާއްދާއެއް އިތުރުކުރަން ހުށަހަޅާފަ އެވެ. އެގޮތުން، ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000ރ. ލިބޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ވާނެ ކަމަށްވެސް މި އިސްލާހުގައި ހިމަނާފައިވެ އެވެ. ނަމަވެސް، ނައިބު ރައީސްކަން ކޮށްފައިވާ މީހަކު އެ މަގާމުން ވަކިވުމަށްފަހު، އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ދައުލަތުގެ އެއްވެސް މަގާމަކާ ހަވާލުވެއްޖެނަމަ، އެ މަގާމު އަދާކުރަމުންދާ މުއްދަތުގައި މާލީ އިނާޔަތް ދިނުން މެދުކެނޑޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މި އިސްލާހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް މުޖުތަމައު އަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރުމަށްޓަކާ، މަސައްކަތް ކުރާނެ އޮފީހަކާއި، މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކާ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށް ބުނާ މާއްދާ އުނިކުރަން ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި ޤާނޫނަށް އިތުރުކުރެވޭ މާއްދާތަކުގައި، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސް މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ހިނދުން ފެށިގެން އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ހަ ބޭފުޅަކު ކުރެއްވި އެވެ. ނަމަވެސް، މި އިނާޔަތް ލިބޭނެ ކަމަށް ބުނާ ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވީ މިހާތަނަށް ހަމައެކަނި ފައިސަލް ނަސީމް އެވެ. މީގެ އިތުރުން ގައުމަށް ދިމާވާ އިގްތިސާދީ ތަދުމަޑުކަމަކާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިހުތިޔާރު ސަރުކާރަށް ލިބިގެންވާ ކަމަށްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.


