Tuesday, 28 July 2026

އަރަބިއްޔާގެ ބާ އިމާރާތް ތަޅާލައި ޕާކިން ޒޯނަކާއި ކޮމިއުނިޓީ ޕާކެއް ހަދަނީ

އަރަބިއްޔާ ސްކޫލް ކުރިން ހިންގި އިމާރާތް ތަޅާލައި، އެތަނުގައި ސައިކަލު ޕާކިންއަށް ހާއްސަ ތަނަކާއި، ކޮމިއުނިޓީ ޕާކަކަށް ތަރައްގީ ކުރައްވަން ވިސްނަވާފައިވާ ކަަމަށާއި، އެކަމަކު އެކަމަށް ގޮތެއް ކަނޑައަޅާނީ އަވަށު ރައްޔިތުންގެ ހިޔާލު ލިބުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މާލޭގެ ތަރައްގީއާމެދު މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން މައްޗަންގޮޅި ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ދެއްކެވި ވާހަަކަފުޅުގައެވެ.

އެތަން ތަޅާލުމަށްފަހު، އެތަނުގައި މައިގަނޑު ދެ ބޭނުމެއް ހިފޭ ގޮތަކަށް، އެތަން ބޭނުން ކުރަން ވިސްނާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ މުޅި ގޯއްޗަކީ 11،000 އަކަފޫޓުގެ ގޯއްޗެއް، އެތަނުގައި އެންމެ ބޮޑު ސަރަހައްދެއް ޕާކިންއަށް ބޭނުން ކުރުމަށް ކަނޑައެޅުމުގެ އިތުރަށް، ޕާކެއް، ކުޑަކުދިންނަށް ނޫނިއްޔާ ސްކޫލްތަކަށް އަންނަ ކުދިންނަށް ބެލެނެވެރިންނަށް ވެސް ބޭނުންކޮށްލެވޭ ކަހަލަ، މަޑުކޮށްލެވޭ ކަހަލަ ކޮންސެޕްޓެއްގައި ބޭނުން ކޮށްލެވޭ ކަހަަލަ ގޮތަކަށް ގްރީން ސްޕޭސްއެއް ތަރައްގީ ކުރުން، ޕާކިން އާއި ކޮމިއުނިޓީ ޕާކަކަށް، ބޭނުން ކުރެވޭ ކަހަލަ ގޮތަކަށް ދެ ލެވެލްއަކަށް އަންނަ ކަހަލަ ތަރައްގީގެ މަޝްރޫއެއް ހިންގަން،". ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް ހަލުއިކޮށް ކުރިއަށްގެންދަވައި ރަމަޟާން މަހުގެ ކުރިން ނިންމަވައިލެއްވުމަށް ބޭނުންފުޅުވާ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ މިހާރުގެ ވިސްނުމަށްވުރެ ބޮޑުކޮށް މަޝްރޫއު ހިންގާނަމަ އެއަށްވުރެ ގިނަ ވަގުތު އެ މަޝްރޫއު ހިންގުމަށް ނަގާނެ ކަމަށެވެ.

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އެހެން އިމާރާތަކަށް ބަދަލުކޮށްފައި ވަނީ މީގެ ކުރިން އަރަބިއްޔާ ސްކޫލް ހިންގަމުން ދިޔަ އިމާރާތް ވަރަށް ބޮޑަށް ވީރާނާވެ އެތަނަކީ ދަރިވަރުން ފޮނުވުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމާ ގުޅިގެންނެވެ.

އެ ސްކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުން ދަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގަމުން ދިޔަ ވަގުތީ އިމާރާތުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *