ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް، އެއްވެ އުޅުމުގެ މިިނިވަންކަން މުހިއްމު ވަނީ ވެރިކަމުގައި ނޯންނަ އިރު ކަމަށާއި އެކަމުގައި އިހުލާސްތެރި އެއް ބަޔަކު ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން ވަނީ ކޮންމެ ތަނަކަށް ވެސް އެއްވެވޭ ގޮތަށް ބަދަލުކުރަން، އެއްވެ އުޅުމުގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅާފައެވެ.
އެ ބިލަށް ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ، އެމްޑީޕީން މި ވާހަކަދައްކަވަނީ އިޚުލާސްތެރިކަމެއް ހުރެގެން ކަމަށްވާނަމަ، މިދިޔަ ފަސް އަހަރު އޮންނާނީ އެ ގާނޫނު އުވާލާފައި ކަމަށެވެ. އެކަމަކު، މަޖިލީހަށް ހުށަހެޅުމުން ވެސް އެމްޑީޕީގެ ބާރު އޮވެ، އެކަން ނުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެހެންވީމާ އެއްގޮތަކަށް ވެސް މި ވާހަަކަ ދައްކަނީ އިހުލާސްތެރި ކަމެއް އޮވެގެނެއް ނޫން. ހަމަ ކޮން ބައެއް ވެސް އެ ބައެއްގެ އަމިއްލަ އެދުމުގެ މައްޗަށް މި ވާހަކަ ދައްކަނީ. އެހެންވީމާ އެ ވާހަކަ ނުދައްކަމާ ހިނގާ. ނުދައްކައި އެ ބަޔަކު ބޭނުން ގޮތަކަށް ކަން ކުރީމާ އެ ނިމުނީނު؟،" ސަލީމް ވިދާޅުވި އެވެ.
ކޮންމެ ބަޔަކު ވެސް ވެރިކަން ލިބޭ އިރަށް އަނެއް އަތަށް ޖަހާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. މިހާރު އިިދިކޮޅުގައި ތިބި މީހުން މާދަމާ ވެސް ވެރިކަަމަށް އަތުވެއްޖެ ނަމަ ހުރިހާ ކަމެއް އަނެއް ކޮޅަށް (އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާ ގޮތަށް) ކަންތައްތައް ބަދަލުކުރާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، 2016 ވަނަ އަހަރު އެއްވެ އުޅުމާ ބެހޭ ގާނޫނު ފާސްކުރިއިރު އެ ކަމާ ދެކޮޅު ހެއްދެވި ކަމަށެވެ.
އެކަމަކު، އެއަށް ފަހު އެމްޑީޕީއަށް ލިބުނު ފަސް އަހަރު އެއްވެ އުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދޭން ނޫޅޭ ކަމަށާއި އެއްވެ އުޅުން ހަނިވާ ގޮތަށް އޮތް ގާނޫނު އުވާލަން މަސައްކަތް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ، އިދިކޮޅުގައި ތިބޭއިރު ދައްކާ ވާހަކައެއް ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.


