Thursday, 29 October 2026

ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓު ޚާއްސަކުރަނީ ވިލިމާލޭގެ ރައްޔިތުންނަށް: ރައީސް

ވިލިމާލޭގައި ގާއިމުކުރާ ތިން ކޮޓަރީގެ 300 ހައުސިން ޔުނިޓު ޚާއްސަކުރާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި މަޝްރޫޢުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި 300 ހައުސިން ޔުނިޓަކީ މާލޭ ސަރަހައްދުގައި ގާއިމުކުރައްވާނެކަމަށް އިއުލާންކުރައްވާފައިވާ 3،000 ހައުސިން ޔުނިޓުގެ ތެރެއިން ވިލިމާލެއަށް ޚާއްސަކުރެވޭ ބައެކެވެ. އެމަނިކުފާނުގެ ރިޔާސީ ވައުދަކީ ވިލިމާލޭގައި 500 ހައުސިން ޔުނިޓު އެޅުން ކަމަށް ވިޔަސް، މިވަގުތު ޖާގަ އޮތީ 300 ޔުނިޓަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"މުޅި މާލެ ސިޓީގައި މި ގާއިމުކުރާ 3،000 ހައުސިން ޔުނިޓްގެ ތެރެއިން 300 ހައުސިން ޔުނިޓް މިކޮޅުގައި މި އަޅަނީ. މި 300 ހައުސިން ޔުނިޓް މި ކަނޑައަޅަނީ މި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކުރާ 300 ހައުސިން ޔުނިޓް ގޮތުގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި 300 ހައުސިން ޔުނިޓު ޚާއްސަ ކުރެވޭނީ ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ބޯހިޔާވަހިކަމަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ކަމަށެވެ. މިރޭގެ ބައްދަލުވުމުގައި ވިލިމާލޭގެ ގިނަ ރައްޔިތުން ވަނީ އެމަނިކުފާނުގެ އަރިހުގައި އެންމެ ބޮޑަށް އެދިވަޑައިގަތް އެއް ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުން ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

މި ހައުސިން މަޝްރޫޢުގެ އިތުރުން ވެސް ވިލިމާލެއަށް އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް އަރުވައިފައެވެ. އެގޮތުން ވިލިމާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *