ވަކި ފަނޑިޔާރަކަށް ވާތީ ތަހުގީގުކުރުމަށް ސަމާލުކަން ނުދޭ ކަމަށާއި ބަލަނީ ހުށަހަޅާ ޝަކުވާ އާއި ހެކިތަކަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރޭ ބުނެފި އެވެ.
ޖޭއެސްސީއަށް ފާޑުކިޔުން އަމާޒުވަމުން އަންނަނީ، ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން ބަލަން ފެށުމާއެކުގައެވެ.
އެ ކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި، އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަނީ މިއީ ކޯޓުތައް ކޮންޓްރޯލްކުރަން، ރާވައިގެން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ޖޭއެސްސީން ބަލަމުންދަނީ ހައި ކޯޓުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ މައްސަލައިގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީގެ މައްސަލަތަކެވެ.
އެ ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންދާ މި ދަނޑިވަޅާ ދިމާކޮށް ޖޭއެސްސީން ރޭ ނެރުނު ބަޔާނުގައި ބުނީ، އެ ކޮމިޝަނަށް ހުށަހަޅާ ސުލޫކީ މައްސަލަތައް ބަލާއިރު، ސަމާލުކަންދެނީ ވަކި ކޯޓެއްގައި މަސައްކަތްކުރާ ފަނޑިޔާރަކަށް ވާތީ ވަކި ގޮތަކަށް އަމަލު ކުރުމަށް ނޫން ކަމަށެވެ.
އެއީ ކޮންމެ ކޯޓެއްގެ ފަނޑިޔާރަކަށްވީ ނަމަވެސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން މަޢުލޫމާތު ސާފުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލުމަށްފަހުގައި ނޫނީ އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަކަށް ކޮމިޝަނުން ނިންމާފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ސުލޫކީ މައްސަލަތަކުގެ ގޮތުގައި ޖޭއެސްސީ އަށް މި އަހަރުގެ މިހާތަނަށް 176 ޝަކުވާ ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތަހުގީގު ކުރަން ނިންމާފައި ވަނީ 57 ޝަކުވާ އެވެ. މައްސަލަ ބެލުމަށް ފަހު ސާބިތުވެ، ފިޔަވަޅު އަޅަން ނިންމާފައިވަނީ ހުށަހެޅި މައްސަލަތަކުގެ ތެރެއިން 3.4 ޕަސެންޓަށެވެ.
އެއީ ހަ ފަނޑިޔާރުންނަށް ކަމަށް ޖޭއެސްސީން ރޭ ބުންޏެވެ. އަދި އެއީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގެ ނިސްބަތުން ބަލާ ނަމަ މަދު އަދަދެއް ކަމަށްވެސް ބުނެފައިވެއެވެ.


