ގޫގުލް އިން ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަނެއް ގާއިމްކުރުމުގެ މަސައްކަތަށް އައްޑޫ ހިތަދޫން 15،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި އެ ބިމަކީ ހިތަދޫ ހިއްކި ބިމުން ހައުސިން މިނިސްޓްރީ އަށް ހަމަމަޖައްސައި ރަޖިސްޓްރީކޮށްފައިވާ ބިމެކެވެ. އަދި ފަހުން ސަރުކާރުން އެ ބިން އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކޮށް ދޭން އެދިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
މިނިސްޓްރީން އެ ބިން ބޭނުންކުރަނީ ކޮން ބޭނުމަކަށް ކަން ރަސްމީކޮށް ކައުންސިލަށް މިހާތަނަށް ސާފުކޮށްދީފައި ނުވި ނަމަވެސް، ސަރުކާރުން އެ ބިން ބޭނުންކުރަން މިހާރު ނިންމާފައި ވަނީ ގޫގުލްގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަން ގާއިމްކުރުމުގެ މަސައްކަތަށް ކަން އެނގިފައިވާ އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި އެ ކައުންސިލްގެ ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ މުގައްރިރު ހިތަދޫ ކޮރަވަލު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު ވިދާޅުވެފައިވެއެވެ.
އެހެންވެ އެ މައްސަލަ ކައުންސިލްގެ ޓްރާންސްޕޯޓް ކޮމިޓީ އަށް ހުށަހަޅައި، ބިން ދޫކުރަން ނިންމާފައިވެ އެވެ. އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅީ އެ ކޮމިޓީގެ މުގައްރިރު ހިތަދޫ ކޮރަވަލު ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝިނާޒެވެ. އެގޮތުން ގޫގުލްގެ ޕްރޮޖެކްޓަށް ދޭ ބިމުން، ލިބޭ އާމްދަނީ ކައުންސިލަށް ސަރުކާރުން ދޭ ގޮތަށް ކޮމިޓީގައި މަޝްވަރާކޮށް، ކޮމިޓީގެ މެންބަރުންގެ އިއްފާގުން އެގޮތަށް ފާސް ވެސް ކޮށްފައިވެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާގައި ހިތަދޫ ރަސްގެދަރި ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރު ވިދާޅުވި ގޮތުގައި، ގޫގުލް އަށް ދޫކުރާ 15،000 އަކަފޫޓުގެ ބިމަކީ ގާތްގަނޑަކަށް މަހެއްގެ މައްޗަށް 1.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ބިމެކެވެ. އެހާ ބޮޑު އާމްދަނީއެއް ލިބޭނެ ބިމެއް އައްޑޫގެ ތަރައްގީއަށް ފައިދާ ނުވާނެ ގޮތަށް ދޫކޮށްލަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލްގެ އިއްޔެގެ ޖަލްސާގައި ވަނީ ގޫގުލް އަށް ދޫކުރާ 15،000 އަކަމީޓަރުގެ ބިމުން ލިބޭ އާމްދަނީ ކައުންސިލަށް ދޭ ގޮތަށް ބިން ދޫކުރަން ފާސްކޮށްފަ އެވެ.


