Tuesday, 28 July 2026

އަންނަ އަހަރުގެ ކުރިން ވީއައިއޭ ގައި އީ-ގޭޓު ބޭނުންކުރަން ފަށަނީ

ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ކުރާ ކައުންޓަރުތަކުގެ ކިއޫތައް ކުޑަކުރުމަށްޓަކައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަންނަ އަހަރުގެ ކުރިން އީ-ގޭޓު ބޭނުންކުރަން ފަށާނެކަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާނުކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައިި ރައީސް ވިދާޅުވީ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ އީގޭޓުތައް ހަރުކުރަނީ އެ އެއާޕޯޓު ބޭނުންކުރާ ދިވެހިންނާއި ޓޫރިސްޓުން ބޯޑާ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ކިއުގައި މަޑުކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށް ކަމަށެވެ.

އެގޮތުން އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ އީ-ގޭޓްތައް އެ އެއާޕޯޓުގެ އާ ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ވީއައިއޭގެ އާ ޓާމިނަލްގައި 20 އީގޭޓު ހަރުކުރާނެ އެވެ. އެ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އެރައިވަލް އާއި ޑިޕާޗާ ހިމެނޭހެން ކޮންމެ ޓާމިނަލެއްގައި 10 އީގޭޓު ހަރުކޮށް، ބޭނުންކުރަން ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭން ކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިންނެވެ.

އެ މަނިކުފާނު ވިދާޅުވީ، ވީއައިއޭގެ އިތުރުން ރާއްޖޭގެ އެހެނިހެން އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ވެސް އަންނަ އަހަރު އީގޭޓްތައް ހަރުކޮށް، ބޭނުންކުރަން ފަށާނެ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *