އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީން މިއަދު އެ ބަޖެޓް ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފަށްޓަވަމުން، ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީއާ ހަވާލާދެއްވައި އެ ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، އަންނަ އަހަރު ބޮޑެތި ޚަރަދުތައް ހިނގާނެތީ އިތުރަށް ބަޖެޓު ބަދަލުކުރެވެން ނެތް ކަމަށެވެ.
"މިއަންނަ އަހަރު ވަރަށް ބޮޑެތި ހަރަދުތަކެއް ހިނގާތީ އިތުރަށް ބަޖެޓަށް އިތުރު ކުރެވެން ނެތް ކަމަށް. އެހެން ނަމަވެސް މަޖިލީސް އިދާރާއަށް ބޭނުންވާ 3.5 މިލިއަން ރުފިޔާ ދޫކުރާ ގޮތަށް ބަޖެޓުގެ ތެރެއިން އެޖަސްޓް ކޮށްގެން ހަމަޖައްސާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ކޮމިޓީން ބަޖެޓު ދިރާސާކޮށް ފާސްކުރުމުގެ ކުރިން އިދިކޮޅު އެމްޑީޕީން ދެ ހުށަހެޅުމެއް ހުށަހެޅިއެވެ.
ފުރަތަމަ ހުށަހެޅުމަކީ ޚާއްސަ ބަޖެޓުގެ ތެރެއިން ކަޅުބިލަމަހުގެ މަސްވެރިންނަށް ޚާއްސަކޮށް 120 މިލިއަން ރުފިޔާ ދިނުމަށާއި، ބޮޑުކަންނެލި މަސްވެރިންނަށް 165 މިލިއަން ރުފިޔާ ދިނުމަށާއި، ދަނޑުވެރިންނަށް 50 މިލިއަން ރުފިޔާ ދިނުމަށެވެ.
ދެވަނަ ހުށަހެޅުމަކީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރުގެ ލަފައެއް ހިމެނުމަށެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް އެކަށައަޅާފައިވަނީ ރިކަރަންޓް ހަރަދަށެވެ. މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށްފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 31.3 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 8.7 ބިލިއަން ރުފިޔާއެވެ.
ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 373.6 މިލިއަން ރުފިޔާއާއެކު، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.3 ބިލިއަން ރުފިޔާވެ.


