މިދިޔަ މަހުގެ 3 ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާ އާ ގުޅިގެން ހައްޔަރުކުރި އަށް މީހުންނާ ދެކޮޅަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ރޭ ނިންމައިފިއެވެ.
އެ މުޒާހަރާއިން ހައްޔަރުކުރި މީހުންނަކީ:
- ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުالله
- ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފް
- މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހް
- އަޒީމް އަލީ
- އެމްޑީޕީގެ ނިމިދިޔަ ދައުރުގައި ރައީސް އޮފީހުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް
- އަލީ ޖުމާން
- ޙަސަން ޝާކިރު
- މުޙައްމަދު ޚަލަފް އިބްރާހީމް
ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލައިގައި ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުން ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އާއި 533 ވަނަ މާއްދާގެ ދަށުން ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ކުރުމަށް އެދި ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް، މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ބެލިއިރު، ތުހުމަތުކުރެވޭ ޢަމަލުތައް އެ މީހުން ހިންގާ ފައިވަނީ އަސާސީ ޙައްގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.
މާލޭގައި ބޭއްވި އެއްވުމާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. ޕީޖީ އޮފީހުން ވިދާޅުވީ އެ ބައިގެ ތަހުގީގު ނިމުމުން ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.


