މަގުމަތިން ފުލުހުންގެ އެހީއަށް އެދިގެން ހޮސްޕިޓަލަށް ގެންދިޔަ އަންހެނަކަށް ޖިންސީ އަނިޔާ ލިބިފައި ހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، 2025 ނޮވެމްބަރ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން ބެލުމަށް ފަހުގައި، އަންހެން މީހާއަށް ޖިންސީ އަނިޔާ ލިބިފައި ހުރި ކަމަށް ހަމަ އެ ދުވަހު ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަނިޔާ ލިބިފައި ވަނީ 24 އަހަރުގެ އަންހެނަކަށްވާއިރު، މި ކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ. އަދި އަނިޔާ ލިބިފައިވާ ފަރާތަށް ބޭނުންވާ ސިއްހީ ފަރުވާއާއި ސައިކޯސޯޝަލް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންކަމަށް ފުލުހުން ބުންޏެވެ.


