Tuesday, 28 July 2026

ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10،000 ރުފިޔާ އަށް ވުރެ ބޮޑެއް ނުވާނެ: ރައީސް

މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށްވާ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ދޫކުރާ ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10،000 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުގެ ސިޔާސަތު "އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތު ރޭ ވަނީ އިފުތިތާހުކޮށްފައެވެ. އެ ސިޔާސަތުގެ ދަށުން ފަށާ ފުރަތަމަ ސްކީމްތަކުން މާލޭ ރަށްވެހިންނަށް 15،000 ގޯއްޗާއި 7000 ހައުސިން ޔުނިޓު ދޫކުރާނެކަން ވަނީ އިއުލާންކޮށްފައެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ހުރިހާ ފްލެޓެއް ވެސް ވަންނާނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ތެރެއަށް ކަމަށާއި އެ ޕްރޮގްރާމްގެ ދަށުން ދޫކުރާ ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10،000 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ގޯއްޗާއި ފުލެޓު ދިނުމަށް ކަނޑައަޅައިފައިވާ ގޮތަށް، އެ މަޝްރޫއުތަކުން މި ސަރުކާރުން ވެސް ދޭނެއެވެ. އެގޮތުން ކުރީ ސަރުކާރުގެ ލިސްޓަކަށް ބަދަލު ނުގެނެސް، ހުޅުމާލެއާއި ގުޅިފަޅުން ގޯތިތައް ހަވާލުކޮށްފައިވާ ކަމަށާއި ގިރާވަރު ވެސް ހިއްކަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރަށް ނިންމައި، އެ ގޯތިތައް ވެސް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ބޮޑު ވައުދު އެބަ އޮތް. އެއީ 18 އަހަރުން މަތީގެ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ހުރިހާ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން. އެހެންވީމަ އެ ވައުދު ފުއްދުމާ ހަމައަށް ދާން އެބަހުރި އިތުރު މަޝްރޫއުތައް. އެހެންވީމަ އެއްގޮތަކަށް ވެސް އެއްވެސް ބޭފުޅަކު މާޔޫސްވެވަޑައިނުގަންނަވާތި،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އަންދާޒަ ކުރެވޭ ގޮތުގައި، ގާތްގަނޑަކަށް މާރިޗު މަހާ ހިސާބަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިމޭނެއެވެ. އަދި ޖަނަވަރީ މަހު ގޯއްޗަށް ކުރިމަތިލާން ހުޅުވާލައި، މީހުން ހޮވުމުގެ މަސައްކަތްތައް ވެސް މާރިޗް މަހަށް ނިންމާލަން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ޖެނުއަރީގައި ކުރިމަތިލާން ހުޅުވާލާ ފްލެޓްތަކާއި ގޯތިތައް ވެގެންދާނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ލިބޭނެ މަޝްރޫއަކަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *