Tuesday, 28 July 2026

ދިއްލީގެ ރެޑް ފޯޓު ކައިރީ ދިން ކާރު ބޮމުގެ ހަމަލާ އާއި ގުޅިގެން ކަޝްމީރަށް ނިސްބަތްވާ މީހެއް ހައްޔަރުކޮށްފި

ދިއްލީގެ ރެޑް ފޯޓު ކައިރީ ފާއިތުވި ހަފްތާގައި ދިން ނުރައްކާތެރި ކާރު ބޮމުގެ ހަމަލާއާ ގުޅިގެން އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން މީހަކު ހައްޔަރުކޮށްފިއެވެ. މި ހަމަލާގައި 10 މީހުން މަރުވެ 30 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އެންއައިއޭ އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޔަރުކުރި މީހާއަކީ އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ރައްޔިތެއް ކަމަށާއި، ހަމަލާ ދިނުމަށް ބޭނުންކުރި ކާރު ރަޖިސްޓްރީކޮށްފައިވަނީ އޭނާގެ ނަމުގައި ކަމަށެވެ.

ތަހުގީގުކުރާ ފަރާތްތަކުން ވަނީ މި ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ޖާނުން ފިދާވެގެން ބޮން ގޮއްވި މީހާގެ ނަން ވެސް ހާމަކޮށްފައެވެ. އޭނާއަކީ އިންޑިއާގެ ބާރުގެ ދަށުގައިވާ ޖައްމޫ އެންޑް ކަޝްމީރުގެ ޕުލްވާމާ ޑިސްޓްރިކްޓްގެ ރައްޔިތެކެވެ. އޭނާ ދުއްވަމުން ދިޔަ އުޅަނދު ޓްރެފިކް ލައިޓެއް ކައިރީ މަޑުކުރި ވަގުތު ބޮން ގޮވައިގެން އޭނާ ވަނީ މަރުވެފައެވެ. ތަހުގީގުކުރާ ފަރާތްތަކުން ބުނި ގޮތުގައި މި ތުހުމަތުކުރެވޭ މީހާ މަސައްކަތްކޮށްފައިވަނީ ދިއްލީގެ ނޭޝަނަލް ކެޕިޓަލް ރީޖަންގައި ހިމެނޭ ހަރިޔާނާ ސްޓޭޓްގެ ފަރީދާބާދުގައި ހުންނަ އަލް ފަލާހު ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރެއްގެ ގޮތުގައެވެ. ތަހުގީގުތަކާ ގުޅިގެން އޭނާގެ އިތުރު އުޅަނދެއް ވެސް ވަނީ ހޯދައިފައެވެ.

މި ހަމަލާދިން މީހުންނާ އަލް ފަލާހު ޔުނިވަރސިޓީއާ ގުޅުންހުރި ކަމަށް ބުނުމުން، އެ ޔުނިވަރސިޓީގެ މެނޭޖްމަންޓުން ވަނީ، އެމީހުންނަކީ ޔުނިވަރސިޓީގައި ރަސްމީ މަގާމުތަކުގައި މަސައްކަތްކުރި ބައެއް ފިޔަވާ އެހެން އެއްވެސް ގުޅުމެއް އޮތް ބައެއް ނޫންކަމަށް ބުނެފައެވެ. އެންއައިއޭ އިން ބުނީ މި މައްސަލަ އާއި ގުޅިގެން މިހާތަނަށް 70 އަށް ވުރެ ގިނަ ހެކިންނާ ސުވާލުކޮށްފައިވާ ކަމަށާއި، މި ހަމަލާގައި ބައިވެރިވެފައިވާ އެހެން ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި ގޮވުން ހިނގާފައިވަނީ ދިއްލީގެ ތާރީޚީ ރެޑް ފޯޓު (ލާލް ކިލާ) ކައިރީގައެވެ. މިއީ 17 ވަނަ ގަރުނުގެ ބިނާއެއްގެ އިތުރުން އިންޑިއާގެ މިނިވަންކަމުގެ ރަމްޒެކެވެ. ގިނަ ބާޒާރުތަކާއި މަގުމަތީގެ ވިޔަފާރިތަކަށް މަޝްހޫރު މި ސަރަހައްދު ހަމަލާ ދިން ވަގުތުވެސް އޮތީ ތޮށްޖެހިފައެވެ. 30 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ މި ބޮޑު ސިޓީގައި މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *