Tuesday, 28 July 2026

ސަރުކާރުގެ "އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތު އިފުތިތާހުކޮށް، ގޯއްޗާއި ފުލެޓު ދިނުމުގެ އުސޫލު އާންމުކޮށްފި

ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީ ހައްލެއް ހޯދުމަށްޓަކައި، މި ސަރުކާރުގެ މައިގަނޑު ސިޔާސަތު ކަމުގައިވާ "އެންމެނަށް ބޯހިޔާވަހިކަން" ރޭ ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

މި ސިޔާސަތު އިފުތިތާހުކޮށްދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި އިފުތިތާހާއެކު، ގޯއްޗާއި ފުލެޓު ދިނުމުގައި ޢަމަލުކުރާނެ އުސޫލު ވެސް ވަނީ އާންމުކޮށްފައެވެ. މި ސިޔާސަތުގެ ދަށުން މާލީ ގޮތުން ފުދުންތެރި ފަރާތްތަކަށް ހައުސިން ޔުނިޓާއި ގޯތި ގަތުމުގެ މަގު ފަހިކޮށްދިނުމުގެ އިތުރުން، މެދު ފަންތީގެ އާއިލާތަކަށް ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިން ޕްރޮޖެކްޓުތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ބޯހިޔާވަހިކަން ހޯދުމުގެ ތަނަވަސްކަން ލިބިފައިނުވާ ފަރާތްތަކަށް ޚާއްސަކޮށް، މި ސިޔާސަތުގައި ވަނީ "ރެންޓް ޓު އޯން" މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ ގޮތްތަކާއި، ދިރިއުޅޭނެ ތަނެއް ނެތް އާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމަންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައެވެ. މި ސްކީމުގެ ދަށުން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭނެއެވެ. މާލޭ ރަށްވެހިންނަށް ގޯއްޗާއި ފުލެޓް ދޫކުރާނީ މާލެ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. މާލޭ ރަށްވެއްސަކަށްވެ، ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް މި ސްކީމަށް އެދެވޭނެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، ގޯއްޗާއި ފުލެޓު ދިނުމުގައި ޕޮއިންޓު ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކަކީ ވީހާވެސް ބޮޑަކަށް ވެރިފައި ކުރެވޭނެ ފަދަ ގޮތަކަށް އެކުލަވާލާފައިވާ މިންގަނޑުތަކެކެވެ. ޕޮއިންޓު ދިނުމުގައި ބަލާނެ މައިގަނޑު މިންގަނޑުތަކުގެ ތެރޭގައި މާލޭގެ ރަށްވެއްސަކަށްވީ މުއްދަތު ނުވަތަ މާލޭގައި ދިރިއުޅުނު މުއްދަތާއި، އާއިލާގެ ގޯތި ގެދޮރުގެ މިލްކުވެރިކަމުގެ ހާލަތު ހިމެނެއެވެ. އަދި ގޭބީސީގެ ޖުމްލަ އާމްދަނީއާއި، އާއިލާގެ ބެލުމުގެ ދަށުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މައިންބަފައިން ތިބިތޯއާއި، ދަރީންގެ އަދަދު ނުވަތަ ސިއްހީ ސަބަބުތަކަށްޓަކައި ދަރީން ނުލިބޭތޯ ބެލުން ވެސް މި މިންގަނޑުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ސިޔާސަތުގެ ދަށުން ކުރިއަށް އޮތް މަސައްކަތްތަކުގެ ތެރޭގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތަށް، ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލެއިން މާލޭ ރަށްވެހިންނަށް 15،000 ގޯތި ދޫކުރަން ހުޅުވައިލުމާއި، 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުން ހިމެނެއެވެ. 18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ކަށަވަރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *