ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގެއެއްގެ ކަރަންޓު ބިލަށް ދައްކަން ޖެހޭނީ ގިނަވެގެން 400ރ. ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރޭ އޮތް ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ ރޯދަމަހަކު ވެސް މި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ލުއިތަކުގެ ތެރެއިން އަންނަ ރޯދަމަހު ވެސް ކޮންމެ ގޭބީސީއަކަށް ޑޮމެސްޓިކް ރޭޓުން ބިލު ކުރާ ހުރިހާ ބިލުތަކެއް 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ.
"ބާކީ ބައި ޑިސްކައުންޓު،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެންމެ ފަހުގެ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން ސަރުކާރުން ޑިސްކައުންޓު ދީފައި ވެ އެވެ. އެ ފަހަރު ޑިސްކައުންޓު ދިނުމަށްޓަކައި ސްޓެލްކޯ އިން ވަކި ބިލެއް ތައްޔާރުކޮށް ގޭގެ އަށް ފޮނުވި އެވެ.
މީގެއިތުރުން ރައީސް ވަނީ މިއަހަރެކޭ އެއްފަދައިން އަންނަ ރޯދަމަހު ވެސް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅުކޭސް ހަދިޔާކުރާނެ ކަމަށް ވިދާޅުވެފައެވެ.
ރޯދަމަހަށް މަސްދަޅު ބެހުމަށްޓަކައި ރަށްރަށުގެ ކައުންސިލްތަކުން މިހާރު ވަނީ އެ ރަށެއްގެ ގޭބީސީތަކުގައި ދިރިއުޅޭ މީހުންގެ މައުލޫމާތު އެއްކުރަން ފަށައިފަ އެވެ.


