Tuesday, 28 July 2026

ޑްރަގް ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް: މިހާތަނަށް 90 މީހުން ހައްޔަރުކޮށްފި

ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަކޮށްގެން މިއަދު ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އޮޕަރޭޝަން ހިންގުމަށް ފުލުހުންނަށް އަންގަވާފައިވާ ކަމަށާއި، އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަން ބަލައި ފާސްކުރާ މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމަށެވެ.

"އޮޕަރޭޝަން އަލިމަގު": 

ފުލުހުން ބުނީ، "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހާއްސަ މި އޮޕަރޭޝަން ފަށާފައިވަނީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ކަމަށެވެ. މިއަދު ފަތިހު 5:30 ގައި ފެށި މި އޮޕަރޭޝަނަކީ، ފަހުގެ ތާރީހެއްގައި މަސްތުވާތަކެއްޗާ ދެކޮޅަށް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ހަރަކާތް ކަމަށް ފުލުހުން ބުނެ އެވެ. މެންދުރު 12:15 އާ ހަމައަށް މި އޮޕަރޭޝަނާ ގުޅިގެން 90 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

ފުލުހުން އިތުރަށް ބުނީ، މި އޮޕަރޭޝަންގެ މަގުސަދަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ ހަރަކާތެއް ކަމަށެވެ. މި އޮޕަރޭޝަންގައި ހާއްސަ ޑިޕާޓްމަންޓުތަކާއި ސަރަހައްދުތައް ވިލަރެސްކޮށްގެން އެކުލަވާލެވިފައިވާ ޓީމުތަކުން އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ.

ޑްރަގާ ދެކޮޅަށް މިފަހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 355 ކިލޯގެ ޑްރަގްސް ހޯދައި، އެ މައްސަލައާ ގުޅިގެން ލަންކާގެ ބޯޓެއްގައި ތިބި ފަސް ބިދޭސީން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *