ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލެއް ލިބޭނެ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ކުރިއަށްގެންދަވާ ރަސްމާލޭ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
ރަސްމާލޭ މަޝްރޫޢުގައި ބިން ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މިގޮތުން މިހާރު މަސައްކަތް ކުރިއަށްދާ ތިން ސަރަޙައްދުގެ ތެރެއިން، ސައިޓް-ޖޭގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ސައްތައިން ސައްތަ ނިންމާލާފައެވެ. އަދި ސައިޓް-އެލް ގެ 25.53 އިންސައްތަ، އަދި ސައިޓް-ސީގެ 20.09 އިންސައްތަ ވަނީ ނިންމާލާފައެވެ.
ރަސްމާލެ މަޝްރޫޢަކީ ރައީސްގެ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ. މިދިޔަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15,000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވިދާޅުވެފައެވެ. ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އަމިއްލަ ބޯހިޔާވަހިކަން ލިބިފައިނުވާ ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންނަށް އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މާލޭ ސަރަޙައްދުގައި ބިންހިއްކުމުގެ މަޝްރޫޢުތައް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ޑިސެމްބަރު މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއްކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ. އިތުރު ޑްރެޖަރުތަކާއެކު، ރަސްމާލޭ ބިންހިއްކުމުގެ ދުވެލި 3 ގުނަ ހަލުވިވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލެއިން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ރަސްމާލެ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް ރައީސް މިއަދު ކުރެއްވި ޒިޔާރަތުގައި، ދަޢުލަތުގެ ބައެއް ވަޒީރުންނާއި، މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި މި ޒިޔާރަތުގައި މަޝްރޫޢުގެ މިހާރުގެ އަދާހަމަ ވަނީ ހިއްސާކުރައްވާފައެވެ.


