Tuesday, 28 July 2026

ޓްރޭޑްމާކް ބިލު ރައީސް ތަޞްދީޤުކުރައްވައިފި

ރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެފަރާތްތަކަށް ފަހި މާހައުލެއް ޤާއިމްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޓްރޭޑްމާކް ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލު ތަސްދީޤުކުރެއްވުމާއެކު، މިއަދުން ފެށިގެން މި ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައެވެ. މި ބިލަކީ މިމަހުގެ 10 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރައްވާފައިވާ ބިލެކެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ޓްރޭޑްމާކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ޤާއިމުކޮށް، އެކަމާ ގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމެވެ. މީގެ އިތުރުން، ރަޖިސްޓްރީ ކުރެވޭ ޓްރޭޑްމާކާ ގުޅިގެން އެ ޓްރޭޑްމާކްގެ ވެރިފަރާތަށް ލިބޭ ޙައްޤުތަކުގެ ދާއިރާ ބަޔާންކުރުމާއި، ޓްރޭޑްމާކްގެ ޙައްޤަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައްވެސް މި ޤާނޫނުގައި ވަނީ ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން "ޓްރޭޑްމާކް" ކަމުގައި ބެލެވޭނީ އެއް ފަރާތެއްގެ މުދަލާއި ޚިދުމަތްތައް އަނެއްފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރުމުގެ ޤާބިލުކަން ލިބިފައިވާ ނިޝާންތަކަށެވެ. މި ނިޝާންތަކާ ގުޅިގެން އެކްސްކްލޫސިވް ޙައްޤު ލިބޭނީ އެ ޓްރޭޑްމާކެއް ރަޖިސްޓްރީ ކުރުމުންނެވެ. ރަޖިސްޓްރީކުރާ ޓްރޭޑްމާކްގެ ވެރިފަރާތުގެ ހުއްދައާ ނުލައި އެ މާކާ އެއްގޮތް ނިޝާނެއް ވިޔަފާރީގައި ބޭނުންކޮށް، އޮޅުން އަރާނެފަދަ ހާލަތެއްގައި އެ ނިޝާނެއް ބޭނުންކުރުން ހުއްޓުވުމުގެ ޙައްޤު ވެރިފަރާތަށް ލިބިގެންވެއެވެ. މި ޤާނޫނުގެ ދަށުން ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީކޮށްދޭނީ ފުރަތަމަ 10 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި، މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް އާކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ޓްރޭޑްމާކްގެ ޙައްޤަކަށް އަރައިގަތުމުގެ ޢަމަލެއް ހުއްޓުވުމަށް ނުވަތަ ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރުތައް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. މައްސަލަ ލަސްވުމުގެ ސަބަބުން ޓްރޭޑްމާކްގެ ވެރިފަރާތަށް އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެ ހާލަތެއްގައި، މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމެއް ނެތިވެސް ވަގުތީ އަމުރެއް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. ޙައްޤަކަށް އަރައިގެންފައިވާކަން ސާބިތުވާނަމަ، ވެރިފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމާއި، ޙައްޤުތައް އަނބުރާ ހޯދަން ހިނގާ ޚަރަދު ހޯދައިދޭންވެސް ކޯޓަށް ކަނޑައެޅިދާނެއެވެ.

މި ޤާނޫނުގެ ދަށުން ރާއްޖޭގައި ކައުންޓަރފީޓްކުރުން ނުވަތަ ޓްރޭޑްމާކް ކުރެވޭ މުދަލުގެ ނަކަލުތައް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ބޭރުކުރުން ވަނީ މަނާކޮށްފައެވެ. މިފަދަ ޢަމަލެއް ކޮށްފި މީހަކަށް 100،000 ރުފިޔާ އާއި 2،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނަކީ އުފެއްދުންތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު ހިމާޔަތެއް ލިބިދޭނެ މުހިންމު ޤާނޫނެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *