ކުރިއަށް އޮތް ފަސްމަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލެއިން މާލޭ ރަށްވެހިންނަށް 15،000 ގޯތި ދޫކުރުމަށް ހުޅުވައިލާނެ ކަމަށާއި، އަދި 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މާލޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ޓަކައި، މި އަހަރު ނިމުމުގެ ކުރިން މުހިންމު މަޝްރޫއުތައް ފަށާނެ ކަމަށެވެ. އެގޮތުން ޖުމްލަ 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު، މާލޭގައި 3،000 ހައުސިން ޔުނިޓު އެޅުމުގެ އެގްރިމަންޓުގައި މި އަހަރު ނިމުމުގެ ކުރިން ސޮއިކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި އިތުރު 4،000 ހައުސިން ޔުނިޓު އަޅަން އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ތެރެއިން ފަހިވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ޓަކައި، އަންނަ މަހު އިތުރު ޑްރެޖަރުތައް ގެނެސް، މިހާރަށްވުރެ ތިން ގުނަ އަވަސްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވީ މި ބިންތައް ހިއްކަނީ މާލޭގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ޓަކައި ކަމަށެވެ.
ރަސްމާލެއިން ދޫކުރާ 15،000 ގޯތި ދޫކުރުމަށް ހުޅުވައިލާނީ މާލޭ ރަށްވެހިންނަށާއި، މާލޭގައި ދިގު މުއްދަތެއްގައި ދިރިއުޅޭ މީހުންނަށާއި، ދަފްތަރުގައި ތިބި މީހުންނަށް އިސްކަންދީގެންނެވެ. މީގެ އިތުރުން މާލޭގެ ހަނިގޯޅިތަކާއި ދަތި ތަންތަނުން ލިބިފައިހުރި ބިން އެއްކޮށް ދޫކޮށްލުމުން އެހެން ބިމެއް ލިބޭނެހެން ލާޖައްސާ އުސޫލުން ވެސް ބިން ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ގޯތިތަކަށް ކުރިމަތިލުމުގެ ތަފްސީލުތައް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތަކުގެ ތެރޭގައި، ގިރާވަރުފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، 18 އަހަރުން މަތީގެ މީހުންގެ ތެރެއިން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނެތް މީހުންނަށް އިސްކަންދީގެން އާއިލީ ބޯހިޔާވަހިކަމުގެ ކޮންސެޕްޓުގައި ވެސް މަޝްރޫއެއް އިއުލާނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


