Tuesday, 28 July 2026

ދިވެހި ދައުލަތުގެ އިއްޒަތް މަޝްހޫރު ވިޔަފާރިވެރިޔާ، ޑިމްސް ސޯލިހަށް އަރުވައިފި

ދިވެހި ދައުލަތުގެ ޝަރަފުވެރި އިއްޒަތެއް ކަމަށްވާ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް، މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދަމާސްގެ ވެރިޔާ މުހައްމަދު ސޯލިހު (ޑިމްސް ސޯލިހް) އަށް މިއަދު އަރުވައިފި އެވެ. މި އިއްޒަތް އެރުވީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އައްޑޫ ހުޅުދޫ އަށް އުފަން ސޯލިހަކީ މީގެ 43 އަހަރު ކުރިން 1983 ވަނަ އަހަރު ވިޔަފާރީގެ ދާއިރާއަށް ވަދެވަޑައިގެން އަދިވެސް އެ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ "ޑިމްސް" ގެ ނަމުގައި އާންމު ވިޔަފާރި ފައްޓަވައި، ހާޑްވެއާ އާއި ރިސޯޓުތަކަށް ބޭނުންވާ ތަކެއްޗާއި ޑިއުޓީ ފްރީ ޝޮޕާއި ބޮންޑެޑް ވެއާހައުސް އަދި ފަރުނީޗަރ ވިޔަފާރި ހިންގެވި އެވެ. މީގެ އިތުރުން ޔަންމާ އިންޖީނާއި ސްޕެއާޕާޓްސް އެތެރެކޮށް ވިއްކައި، އިންސްޓޯލްމެންޓަށް ދެއްވަމުން ގެންދެވި އެވެ.

ވިޔަފާރީގެ ދާއިރާއަށް ވަނުމުގެ ކުރިން ސޯލިހު ވަނީ އައްޑޫ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު އެ ގައުމުގެ ރޯޔަލް އެއާފޯސްގައި 16 ވަރަކަށް އަހަރު ހިދުމަތް ކުރައްވައިފަ އެވެ. އޭގެ ފަހުން 1978 ގައި މާލެ ވަޑައިގެން ކާގޯ ކްލިއާ ކުރުމާއި ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތް ފައްޓަވައި ވިޔަފާރީގެ ތެރެއަށް ރަސްމީކޮށް ވަދެވަޑައިގަތެވެ. ރާއްޖޭގެ ވިޔަފާރީގައި މަޝްހޫރު ޑިމްސް ކުންފުނި 1983 ގައި ސޯލިހު އުފެއްދެވީ އޭނާގެ ގާތް އެކުވެރިޔާ އިބްރާހިމް މުހައްމަދު ދީދީ (ސިމްޑީ ޑީޑީ) އާ ދެ ބޭފުޅުން ގުޅިވަޑައިގެންނެވެ. ނަމަވެސް 17 އަހަރުގެ ހިދުމަތަށް ފަހު، އެ ދެ ބޭފުޅުން ވަކިވެ، ސޯލިހުގެ ކުންފުންޏަށް ދަމާސް ގެ ނަން ދެއްވީ އެވެ.

ސޯލިހު ވަނީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވައިފަ އެވެ. ހާއްސަކޮށް ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ވިޔަފާރިވެރިއަކީ ސޯލިހެވެ. މީގެ އިތުރުން، ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަން ވެސް ކުރެއްވި އެވެ. އޭނާ އަކީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރެވެ. އަދި އައްޑޫ ހެރަތެރަ ވުޖޫދަށް ގެނައުމުގައި ވެސް އިސްކޮށް އުޅުއްވިއެވެ. ދަމާސް ކުންފުނިން މިހާރު ހަތަރު ރިސޯޓާއި، މާލޭގައި ތިން ސިޓީ ހޮޓަލާއި، މެޑިކާ ހޮސްޕިޓަލް ހިންގަމުންދެއެވެ.

ވިޔަފާރީގެ އިތުރުން ސޯލިހު ވަނީ ހިލޭ ސާބަހަށް ވެސް އިޖުތިމާއީ ގޮތުން މުޖުތަމައު އަށް ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ އުފަން ރަށް ހުޅުދޫގެ އިތުރުން އެހެން ރަށްރަށުގައި ވެސް މިސްކިތްތައް ބިނާކުރުމެވެ. ރާއްޖޭގެ ވިޔަފާރި ކުރިއެރުވުމަށް ސޯލިހު ކުރައްވާފައިވާ ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2022 ގައި ޝަރަފުވެރިކަމުގެ އިނާމު ވެސް އޭނާ އަށް އަރުވައިފަ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" ވެސް ސޯލިހަށް ވަނީ އަރުވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *