ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަވައްޓެރި އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ ދަތުރުގައި އަބަދުވެސް ސާބިތު ބައިވެރިއެއް ކަމަށް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވި ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ، މިއަދު ހެނދުނު ރައީސް އޮފީހުގައި އެމަނިކުފާނަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ، އިންޑިއާގެ ބޮޑުވަޒީރަށާއި އެ ޤައުމުގެ ސަރުކާރަށް، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ދިގު މުއްދަތެއްގައި ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. ޚާއްސަ ގޮތެއްގައި، އިންޑިއާގެ އެހީތެރިކަމާއެކު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ހުޅުވުމަށް ލިބުނު އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވަނީ އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި އަބަދުވެސް ސާބިތު ބައިވެރިއެއް ކަމަށާއި، މިހާރު ކުރިއަށްދާ މަޝްރޫޢުތައް މުއްދަތުގެ ތެރޭގައި ނިންމުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވޭނެ ކަމާމެދު ފުރިހަމަ އިތުބާރު އެބައޮތްކަން ހާމަކުރައްވާފަ އެވެ. އިންޑިއާގެ ވަޒީރު ވާހަކަފުޅު ދައްކަވަމުން ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް ސަރުކާރަށް މަރުޙަބާ ވިދާޅުވެ، މި މަޝްރޫޢު ކުރިއަށްދިޔަ ގޮތް ބޮޑުވަޒީރު މޯދީ ވަރަށް ގާތުން ބައްލަވައި ޚާއްސަ ސަމާލުކަމެއް ދެއްވިކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު ވަނީ، އިންޑިއާގެ އެހީތެރިކަމާއެކު ހިންގާ މަޝްރޫޢުތައް ކޮންޓްރެކްޓްގައިވާ މުއްދަތަށް ނިންމުމުގައި، އިންޑިއާ ސަރުކާރުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ފުރިހަމައަށް ލިބޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުއިއްޒުއަށް އަރުވާފަ އެވެ. ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށް މަސައްކަތްކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.


