ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް އިންވެސްޓަރުންނާއި ވިޔަފާރިތައް ހޯދައިދިނުމުގައި އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބު އަދި މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ކިންޖަރަޕް ރާމް މޯހަން ނައިޑު ވިދާޅުވެއްޖެއެވެ. މިކަން އޭނާ ހާމަކުރެއްވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނައިޑު ފާހަގަކުރެއްވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢުއަކީ ހަމައެކަނި ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ނޫން ކަމަށާއި، އެއީ ދެ ޤައުމުގެ ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށެވެ. މީގެ އިތުރުން، ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމަށްފަހު ހުޅުވިގެން ދިއުމަކީ، ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ އުތުރު ދުނިޔޭގެ އެހެން ސަރަހައްދުތަކާއި ގުޅުވާލައި، އެ ސަރަހައްދަށް އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނައިޑު ވަނީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން ދެއްވާ އަހަމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތުގައި އިންޑިއާ އަބަދުވެސް އެހީތެރިވުމަށް ތައްޔާރަށް އޮންނާނެކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ. "ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމުގެ މަސައްކަތް ރާއްޖެއިން ކުރަމުންދާއިރު، އިންޑިއާއިން އޮތީ އިންވެސްޓް ކުރުމާއި ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހިކުރުމަށް އަތުގުޅާލައިގެން ކުރިއަށްދާން ތައްޔާރަށް. އަޅުގަނޑުމެން އުއްމީދަކީ މިކަންކަން ފަހިކުރަން މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ދެ ޤައުމު ދެމެދު އިންވެސްޓްމެންޓު މުއާހަދާގެ މަސައްކަތް އަވަހަށް ނިމިގެން ދިއުން،" މިނިސްޓަރު ނައިޑު ވިދާޅުވިއެވެ.
އިންޑިއާގެ ސިވިލް އެވިއޭޝަން މިނިސްޓަރު އިތުރަށް ވިދާޅުވީ، ވަށާޖެހޭ ތަރައްޤީއެއް ހޯދުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމެއް ހަރުދަނާކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު ދަތުރުފަތުރުގެ ދާއިރާއިން އިތުރު ދޮރުތައް ހުޅުވިފައިވާއިރު، މިކަމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިތަކާއި ރައްޔިތުން ގުޅާލަދީ، އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


