ސަރުކާރުން ސުކޫކަށް ދައްކަން ޖެހޭ ބޮޑު އަދަދު ހޯދުމަށް އިތުރު ބޮންޑެއް ވިއްކުމުގެ ބަދަލުގައި، ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހިއްސާ ވިއްކައިގެން އެ ފައިސާ ހޯދުމަކީ މާ ބުއްދިވެރި ގޮތަކަށް ވެދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއީ އަންނަ އަހަރުގެ ކުރިން ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުމަށްޓަކައި ފައިނޭންޝަލް ހައްލެއް ހޯދުމާ ގުޅިގެން ނަޝީދު ދެއްވި ޚިޔާލެކެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ފާހަގަކުރެއްވީ، ސުކޫކު ދައްކަން ފައިސާ ހޯދުމަށް އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސް މެދުވެރިކޮށް ބޮންޑެއް ވިއްކުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ވީއައިއޭގެ ހިއްސާ ވިއްކާލުން މާ ރަނގަޅު ކަމަށެވެ. ނަޝީދުގެ ވެރިކަމުގައި ވެސް ވީއައިއޭ ވަނީ އިންޑިއާގެ ޖީއެމްއެމްއާރަށް ދޫކޮށްފައިވާކަން މިކަމާ ގުޅިގެން ފާހަގަކޮށްލެވެއެވެ.
ނަޝީދު ވިދާޅުވީ އެއާޕޯޓްގެ ހިއްސާ ވިއްކައިގެން ލިބޭ ފައިސާ ބޭނުންކޮށްގެން ސުކޫކު ދައްކާ ހަލާސްކުރެވޭނެ ކަމަށެވެ. "އެހެންވީމަ އެއާޕޯޓްގެ ހިއްސާ ވިއްކައިގެން ލިބޭ ފައިސާ އިން ސުކޫކު ދައްކާ ހަލާސްކުރަން ބޭނުން ކުރެވޭނެ. އޭރުން ދައްކަން ޖެހޭ ދަރަނި ވެސް ކުޑަވެގެން ދާނެ،" ނަޝީދު ވިދާޅުވިއެވެ. މިއީ ދައުލަތުގެ ދަރަނި ކުޑަކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާ ނިންމަން ޖެހެނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ކުރިންނެވެ. ސަރުކާރުން ވަނީ މި ފައިސާ ދައްކާ ނިމޭނެކަމުގެ ޔަގީންކަން ދީފައެވެ.


