Tuesday, 28 July 2026

ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ، ކުރީގެ ރައީސް މައުމޫނަށް އަރުވައިފި

ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ މިއަދު އަރުވައިފި އެވެ. މި ޝަރަފުވެރި އައްޑަނަ އެ މަނިކުފާނަށް އަރުވާފައިވަނީ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި މައުމޫންގެ ވެރިކަމުގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ޙަމަލާގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެ މަނިކުފާނު ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތައް ފާހަގަކޮށް، އެ ދުވަހު ޤައުމަށް ކޮށް ދެއްވި ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ދެވުނު ޝަރަފެކެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރަނީ، ދިވެހިންގެ ޚާއިނުންތަކެއް، އަވައްޓެރި ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން ރާއްޖޭގެ ވެރިރަށް މާލެ އަށް އަރައި، މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ ނުރައްކާތެރި ޓެރަރިޒަމްގެ އަމަލުގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވެ، ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ. އެ އުދުވާނީ ޙަމަލާ އަކީ ދިވެހި ޤައުމުގެ މިނިވަންކަމަށް ދެވުނު އެންމެ ބޮޑު އެއް ނުރައްކަލެވެ.

އެ ނުރައްކާތެރި އުދުވާންގައި ޖުމްލަ 19 ދިވެއްސަަކު ޝަހީދުވިއެވެ. އެއީ ޤައުމީ ދިފާޢީ ބާރުގެ 8 ބޭކަލުންނާއި، އާންމުންގެ 11 މީހުންނެވެ. ނަސްރުގެ ދުވަސް ފާހަގަކުރަނީ ޤައުމަށްޓަކައި ޤުރުބާންވި އެ ހުރިހާ ބަޠަލުންގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *