ތުލުސްދޫ ގެސްޓްހައުސްއަކުން ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި، މިދިޔަ މަހުގެ 17 ވަނަ ދުވަހު ހައްޔަރުކުރި 7 މީހުންގެ ތެރޭގައި އަންހެން ފުލުހަކު ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުންގެ މައުލޫމާތު ދިނުމުގައި ބުނެފައިވަނީ އެއީ ކޮންސްޓަބަލް އައިމިނަތު މާޔާ ހުސެން ބަޝީރު ކަމަށެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޮއެ އަދި އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އޮޕަރޭޝަންގެ ތެރެއިން އެ ގެސްޓްހައުސް ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 މިލި ލީޓަރުގެ ދެ ފުޅި އާއި ތައްޓެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.
މި މައްސަލާގައި ހައްޔަރުކުރި 7 މީހުންނަކީ ވެސް ދިވެހިންނެވެ. އޭގެ ތެރޭގައި 23 އަހަރުގެ ތިން ފިރިހެނުންނާއި، 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 23 އަހަރުގެ އަންހެނަކާއި، 26 އަހަރުގެ އަންހެނަކާއި، 20 އަހަރުގެ އަންހެނެއް ހިމެނެ އެވެ. ފުލުހުން ބުނި ގޮތުގައި އެ މީހުން ހައްޔަރުކުރުމަށްފަހު ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ނެގަޓިވް ވެފައިވާ ކަމަށާއި، ކޯޓަށް ހާޒިރުކުރުމަށްފަހު އެންމެން ވެސް ވަނީ ދޫކޮށްލާފަ އެވެ.
ނަމަވެސް، ފުލުހުންގެ މަގާމުގައި ހުރި މާޔާގެ މައްސަލައަށް ވަކި ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. ފުލުހުން ބުނީ ހައްޔަރުކުރުމަށްފަހު މާޔާ ވަގުތުން މަގާމުން ސަސްޕެންޑްކޮށް، މައްސަލަ ޕްރޮފެޝަނަލް ކޮމާންޑުން ބަލާފައިވާ ކަމަށެވެ. އަދި ޑިސިޕްލިނަރީ ބޯޑުން ވަނީ އޭނާ މަގާމުން ވަކިކުރުމަށް ލަފާ ދީފައި ކަމަށް ފުލުހުން ހާމަކުރެ އެވެ.
ފުލުހުންގެ ތެރެއިން ގަވާއިދާ ޚިލާފު އަމަލުތައް ހިންގާ މީހުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަން ފާހަގަކުރެވެ އެވެ. ދާދި ފަހުން ވެސް އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެއްޗާ އެކު އަންހެން ފުލުހަކު ހައްޔަރުކޮށް، އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިވާކަން ފުލުހުންގެ ރެކޯޑުތަކުން ދައްކަ އެވެ.


