ދެކުނުގެ ރަށެއްގައި ސުކޫލު ދަރިވަރުންތަކަކަށް އޮރިޔާން މަންޒަރު ދައްކައި، ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 40 އަހަރުގެ ދިވެހި ފިރިހެން ޓީޗަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ސީރިއަސް މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މި ތުހުމަތުތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. ތުހުމަތުކުރެވޭ ގޮތުގައި މި ޓީޗަރު ވަނީ ފިރިހެން ދަރިވަރުންތަކަކަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯތައް ދައްކައި، އެކި ގޮތްގޮތުން ޖިންސީ ގޯނާގެ އަމަލުތައް ހިންގާފައެވެ.
ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މި މައްސަލަ ފުލުހުން މިހާރު ދަނީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންނަށް ޓީޗަރުންގެ ފަރާތުން ޖިންސީ ގޯނާ ކުރާ މައްސަލަތައް ފަހަކަށް އައިސް ތަކުރާރުވަމުންދާކަން ފާހަގަކުރެވެއެވެ. މިދިޔަ މަހު 22 ވަނަ ދުވަހު ވެސް ވަނީ ޓިއުޝަން ދިނުމުގެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ހައްޔަރުކުރި މީހާ ވެސް ވަނީ 30 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.


