Tuesday, 28 July 2026

"ޖެނެރޭޝަނަލް ބޭން" އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެ އިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ "ޖެނެރޭޝަނަލް ބޭން"އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލުގައިވާ ގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެކެވެ. އެހެންކަމުން، މިއަދުން ފެށިގެން މި އުސޫލަށް އަމަލުކުރުން ލާޒިމުވާނެ އެވެ.

މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް އުފެއްދުމެވެ. މި ބޭންގެ ސަބަބުން، 2007 ގައި އުފަންވެފައިވާ ކުއްޖެއްގެ އުމުރުން 21 އަހަރު ފުރުނަސް، ދުންފަތުގެ އެއްވެސް ބާވަތެއް އެ ކުއްޖާ އަށް ވިއްކުމަކީ މަނާކަމެކެވެ. މި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މި އަހަރުގެ މޭ 31 ވަނަ ދުވަހު އެވެ.

މި ބަދަލުގެ ކުރިން ވެސް، އެ ގާނޫނަށް މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލެއްގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ. އަދި އެ އުމުރާ މެދު ޝައްކުވާ ނަމަ، އުމުރު ކަށަވަރު ކުރުމަށް ފަހު ނޫނީ ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެކެވެ. މީގެ އިތުރުން، ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން ވޭޕާއި އީ-ސިނގިރޭޓު ރާއްޖެ އަށް އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އެ ބިލް ތަސްދީގު ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ސިޔާސަތަކީ ދިވެހި މުޖުތަމައަކީ ސިއްހަތު ރަނގަޅު، ދުޅަހެޔޮ ބަޔަކު ދިރިއުޅޭ ގައުމަކަށް ހެދުން ކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، އެންމެން ގުޅިގެން މަސައްކަތް ކޮށްގެން މުޖުތަމައުގައި ހުރި މިފަދަ ނުރަނގަޅު އާދަތައް ނައްތާލެވިދާނެ އެވެ.

ދުންފަތުގެ އިސްތިއުމާލުގެ ސަބަބުން ގައުމަށް ކުރާ އިގްތިސާދީ ބުރަ ބޮޑުކަން ހިސާބުތަކުން ދައްކަ އެވެ. ކަސްޓަމްސްގެ މައުލޫމާތުތައް ދައްކާ ގޮތުން، ރާއްޖެ އަށް އަހަރަކު އެވްރެޖުކޮށް 500 މިލިއަނެއްހާ ސިނގިރޭޓް އެތެރެކުރުމަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެ އެވެ. އަދި ނޭޝަނަލް ހެލްތު އެކައުންޓްސްގެ ހިސާބުތައް ދައްކާ ގޮތުން، ސިއްހީ ހިދުމަތްތައް ދެމެހެއްޓުމަށް އެވްރެޖު ގޮތެއްގައި ޖީޑީޕީގެ 9.7 ޕަސެންޓު ނުވަތަ ބަޖެޓުގެ 19 ޕަސެންޓް ހޭދަކުރެ އެވެ.

ހެލްތު މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، އެކަށީގެންވާ ގޮތެއްގައި ދުންފަތުން މީހުން ރައްކާތެރިކޮށް ދުންފަތާ ދުރު ޖީލެއް ބިނާކުރެވިއްޖެ ނަމަ، ބަލިތަކަށް ސަރުކާރުން މިހާރު ކުރާ ބޮޑު ހޭދަ އެތައް ތަނުން ކުޑަވެ އަދި އާއްމުންގެ ދުޅަހެޔޮކަން އިތުރުވެގެންދާނެ އެވެ. މީގެ ހަތަރު އަހަރު ކުރިން އާއްމުކުރި ސްޓެޕްސް ސާވޭ ދައްކާ ގޮތުން ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލް ކުރާއިރު، 2019 ގެ ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކާ ގޮތުގައި ސްކޫލު އުމުރުގެ ކުދިންގެ ގާތްގަނޑަކަށް 45 ޕަސެންޓް ކުދިން ދުންފަތުގެ ކޮންމެ ވެސް ބާވަތެއް ބޭނުން ކުރެ އެވެ. މި ބޭން އަކީ މި ހާލަތު ބަދަލުކުރުމަށް އަޅާފައިވާ ވަރަށް މުހިއްމު ފިޔަވަޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *