އަންނަ އަހަރަށް ލަފާކޮށް، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހުށަހެޅުނު އެންމެ ބޮޑު ބަޖެޓު ކަމަށްވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ދެންމެ ހުށަހަޅައިފި އެވެ. މިއީ މި އަހަރުގެ ބަޖެޓާ އަޅާ ބަލާއިރު ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ހުށަހެޅުއްވި މި ބަޖެޓުގައި، އަންނަ އަހަރަށް ލަފާކުރާ އާމްދަނީގެ ގޮތުގައި 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މި އަހަރުގެ އާމްދަނީގެ އެންމެ ބޮޑު ތަފާތަކީ، ހިލޭ އެހީގެ ބޮޑު އަދަދެއް ހިމަނާފައިނުވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ އާމްދަނީގެ ތަފްސީލަށް ބަލާއިރު، ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވެއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭއިރު، ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އަންނަ އަހަރު މުޅިން އޮޕަރޭޝަނަލައިޒްވެ، ރީޖަނަލް އެއަރޕޯޓުތައް އިތުރަށް ތަރައްގީވުމުގެ ސަބަބުން ފަތުރުވެރިކަން ފުޅާވެގެންދާނެ ކަމަށެވެ. އެގޮތުން، އެއަރޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ބަޖެޓުގެ ހަރަދުތަކަށް ބަލާއިރު، ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މިއީ މުޅި ބަޖެޓުގެ 62 ޕަސެންޓެވެ. މި އަދަދު މި އަހަރުގެ ބަޖެޓަށް ވުރެ 3.3 އިތުރު އެވެ. އަންނަ އަހަރުގެ ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާ އެވެ. ބަޖެޓު ބޮޑުވުމުގެ އެންމެ މުހިއްމު ސަބަބަކީ، އަންނަ އަހަރަށް ދައްކަން ޖެހޭ ދަރަނި އިތުރުވުމެވެ. އެގޮތުން، އަންނަ އަހަރުގެ އޭޕްރީލްގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކު އަދި 2022 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑު ސަރުކާރުން އަނބުރާ ދައްކަން ޖެހެ އެވެ.
ދަރަނި އަދާކުރުމަށް ކުރާ ހޭދަ މި އަހަރު ވެސް ބޮޑުވެފައިވާއިރު، މި އަހަރުގެ މިހާތަނަށް 8.3 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ހޭދަކޮށްފައިވެ އެވެ. އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. މިއީ ފަހުގެ ތާރީޚެއްގައި ނިސްބަތުން އެންމެ ކުޑަ ޑެފިސިޓެއް ހުށަހެޅުނު އަހަރު ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާ އަށެވެ.
ބަޖެޓުގެ މުހިއްމު އަދަދުތައް ހިމަނާފައިވާ ގޮތުން، ޖުމްލަ ބަޖެޓަކީ 64 ބިލިއަން ރުފިޔާ އެވެ. އާމްދަނީގެ ގޮތުގައި 40 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭއިރު، ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ހިމެނެ އެވެ. ބަޖެޓުގެ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރު ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 5.2 ޕަސެންޓަށެވެ.


