ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއެކު އަންނަ އަހަރު ދިވެހި ސަރުކާރުން ދައްކަންޖެހޭ 600 މިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ބުރައެއް ނެތި ދެއްކޭނެކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވަމުންނެވެ.
ބަޖެޓު ހުށައަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ދައުލަތުގެ މާލިއްޔާ ކޮޅަށްޖަހައި ރާއްޖޭގެ އިޤުތިސާދުގެ ދުވެލި ކުރިއަރައިގެންދާނެ މަގެއްގައި ބައްޓަންކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއްކުރައްވާފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ގެނައި ބަދަލުތަކާއެކީގައި މިހާތަނަށް ސަރުކާރުން އަދާކުރަންޖެހޭ އެންމެހާ ދަރަނިތަކާއި ޒިންމާތައް ގަޑިން ގަޑިއަށް އަދާކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިއަހަރުގެ ފުރަތަމަ 40 ހަފުތާގައި ވިދިވިދިގެން ސާޕްލަސްގައި ސަރުކާރު ހިންގާފައިވެއެވެ.
ވަޒީރު ވިދާޅުވީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 860 މިލިއަން އެމެރިކާ ޑޮލަރު އެބަހުރިކަމަށާއި، އޭގެ ތެރެއިން 200 މިލިޔަން އެމެރިކާ ޑޮލަރު ނެޓް ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައިހުރި ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. "2026 ވަނަ އަހަރަކީ، ނިމިދިޔަ ސަރުކާރުތަކުން ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާ އިދިކޮޅަށް، އަނބުރާ އެކީ އެއްފަހަރާ ދައްކާ ގޮތަށް ނަގާފައިވާ ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުގެ ޒިންމާ ދިވެހި ސަރުކާރުގެ މައްޗަށް އުފައްދާފައިވާ އަހަރު. މިފަދަ ބޮޑު ދަރަނީގެ ޒިންމާ އެކީ އެއްފަހަރާ އަދާކުރަން ޖެހިފައިވޭ." ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތް ނާޒުކު އިޤުތިޞާދީ ހާލަތުން ވީއްލި، ބޭރުގެ ދަރަނި ގަޑިން ގަޑިއަށް ދައްކާނެކަމުގެ ޔަގީންކަން އަލުން ހޯދިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަންނަ އަހަރު ދައުލަތުން އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށްޓަކައި ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގައާއި ބޮންޑް ނުވަތަ ސުކޫކް ފަދަ ތަކެތި ވިއްކައިގެން އަދި މަލްޓިލެޓަރަލް ނުވަތަ ބައިލެޓަރަލް ފައިނޭންސިންގގެ ގޮތުގައި ޖުމުލަ 16.8 ބިލިއަން ރުފިޔާ ހޯދުމަށް ރާވައިފާވާ ކަމަށެވެ. މީގެ ތެރޭގައި ސުކޫކް ރީފައިނޭންސްކުރުމަށް ބޭރުގެ ފަރާތްތަކުން ހޯދާ 450 މިލިއަން އެމެރިކާ ޑޮލަރު (6.9 ބިލިއަން ރުފިޔާ) އާއި، ރައީސުލްޖުމްހޫރިއްޔާ އެކުވެރި ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ބަޖެޓު ސަޕޯޓަށް ހޯދުމަށް ރާވާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރު (4.6 ބިލިއަން ރުފިޔާ) ހިމެނެއެވެ. އަދި ރާއްޖޭގެ މާލީ އިދާރާތަކުން ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާ ހޯދޭނެކަމަށް ލަފާކުރެވޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް އެކުލަވާލާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް) ހަމަ މަގަށް އަޅުވައި، ޑޮލަރުން މެނޭޖުކުރާ ފަންޑަކަށް ބަދަލުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެ ފަންޑުގައި 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ، ދަރަނި އަނބުރާ ދެއްކުމުގެ ބޭނުމަށްޓަކައި ރައްކާކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެސް.ޑީ.އެފްއަށް ޖަމާކުރާނެ ފައިސާއިން ވަކި އަދަދެއް ދައުލަތުގެ ދަރަނި ދެއްކުމަށް ކަނޑައަޅައިގެން، 4.2 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ބޭނުންކުރުމަށް ރާވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.


