Tuesday, 28 July 2026

އެއާޕޯޓުގައި ހިނގި ފޭރުމުގެ މައްސަލައިގައި ހައްޔަރުކުރި 4 މީހުންގެ ވަނަވަރު ހާމަކޮށްފި 

2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބުނިގޮތުގައި އެއާޕޯޓު ޓާމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކު ދެ މުވައްޒަފެއްގެ އަތުން ފައިސާތަކެއް ހުރި ސޫޓް ކޭހެއް ފޭރިގަނެ ފިލުމަށް ބޭނުންކުރި ލޯންޗް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެސްފައެވެ. އަދި މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ހަތަރު ވެސް މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނިގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ، ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ) އެވެ. މި ހަތަރު މީހުންގެ މައްޗަށް ވެސް ފޭރުމުގައި ބައިވެރިވުމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

ފުލުހުން ބުނިގޮތުގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އެ ހަތަރު މީހުން ވެސް 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ނަމަވެސް ފޭރުނު ފައިސާގެ އަދަދު އަދި ފައިސާ ރިކަވާ ކުރެވުނުކަމެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *