Tuesday, 28 July 2026

އެކަނިވެރި މައިންނަށްދޭ އެލަވަންސް 3000 އަށް ބޮޑުކޮށް، ތެލަސީމިއާ ކުދިންނަށް ދޭނެ އެލަވަންސެއް ބަޖެޓުގައި ހިމަނައިފި

އެކަނިވެރި މައިންނަށްދޭ އެލަވަންސް ބޮޑުކޮށް، ތެލަސީމިއާ ކުދިންނަށް ދޭނެ އެލަވަންސެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ، ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގަމަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އެ މަނިކުފާނު ވިދާޅުވީ، އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށެވެ. އޭގެއިތުރަށް، ތެލަސީމިއާ ޕޭޝަޓުންނަށް 1،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިއަންނަ އަހަރު ބަޖެޓް ފާސްވެގެން ދިއުމުން ޖެނުއަރީ މަހުން ފެށިގެން ސިންގަލް ޕޭރެންޓް އެލަވެންސް، ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް ބޮޑުވެގެން ދާނެ" ރައީސް ވިދާޅުވިއެވެ.

އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ދޭ އެލަވެންސް އިތުރު ކޮށް ދިނުމާއި ތެލެސީމިއާ ބަލި މީހުންނަށް އެލަވެންސެއް ތައާރަފް ކުރުމަކީ ރައީސްގެ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *