Tuesday, 28 July 2026

ސަރުކާރުން ނުދައްކާ ހުރި ފައިސާ ޗާޕުނުކޮށް ދެ ހަފުތާ ތެރޭ ދައްކާނެކަމަށް ރައީސް ވިދާޅުވެއްޖެ

ސަރުކާރުގެ އެކި މުއައްސަސާތަކުން އަމިއްލަ ފަރާތްތަކަށް ދައްކަންޖެހި ނުދައްކާ ހުރި ހުރިހާ ފައިސާއެއް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ދައްކައި ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ. މިކަން ކުރިއަށް ގެންދަވާނީ ފައިސާ ޗާޕުނުކޮށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ލ. ފޮނަދޫގައި ރޭ ބޭއްވި ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިވަގުތު ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ދެ ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާގެ ބިލުތައް އެބަހުރި ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ އެކި ކުންފުނިތަކާއި މިނިސްޓްރީތަކުން އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ކުރުވާފައިވާ މަސައްކަތްތަކަށް ދޭންޖެހޭ ފައިސާއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި މަހުގެ 2 ވަނަ ދުވަހު އިއުލާންކުރެއްވި ގޮތަށް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ފަސް ހަފުތާގެ ތެރޭގައި ދައްކައި ނިންމާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދަވާނީ އެއްވެސް ހާލެއްގައި އިތުރަށް ފައިސާ ޗާޕުނުކޮށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކޮންސްޓްރަކްޝަން ދާއިރާގެ ކުންފުނިތަކަށް އިތުރު މަސައްކަތްތައް ލިބެން ފަށާނެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކަކީ ރައްޔިތުންގެ އަތްމަތި ތަނަވަސްވެގެންދާނެ ދުވަސްތަކެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *