Tuesday, 28 July 2026

ކައްދޫ އެއަރޕޯޓުގެ މަސައްކަތް 3 އަހަރު ތެރޭ ނިންމާނެކަމަށް ރައީސް ވިދާޅުވެއްޖެ

ލ. ކައްދޫ އެއަރޕޯޓުގެ ތަރައްގީގެ މަސައްކަތް 3 އަހަރު ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިހެން އެމަނިކުފާނު ވިދާޅުވީ އެ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ލ. ފޮނަދޫގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ފޮނަދޫގެ ތަރައްގީއާ ގުޅޭ އެކި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެއެވެ. މީގެ ތެރޭގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، ކައްދޫ އެއަރޕޯޓުގެ ތަރައްގީއާއި ހިންގުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކުރުން ހިމެނެއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން 2،800 މީޓަރުގެ ރަންވޭއެއް އެޅުމަށް 114 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، ފޮނަދޫ އަށް އިތުރު 30 ހެކްޓަރުގެ ބިން ހިއްކޭނެއެވެ. މިގޮތުން ޖުމްލަ 144 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އަހަރެއްގެ ތެރޭގައި ނިންމާ، މުޅި މަޝްރޫއު 36 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރާވާފައެވެ.

އެއަރޕޯޓުގެ މަސައްކަތާ ގުޅިގެން އެ ސަރަހައްދުގައި ހުރި އެމްއެންޑީއެފްގެ ވަސީލަތްތައް އެހެން ތަނަކަށް ބަދަލުކުރަން ނުޖެހޭނެ ކަމަށްވެސް ރައީސް ވަނީ ޔަގީންކަން ދެއްވާފައެވެ. މީގެއިތުރުން، ފޮނަދޫގައި އެމްއެންޔޫ ކެމްޕަހަކާއި، ބަސް ސްކޫލެއް، އޮފީސް ކޮމްޕްލެކްސްއެއް، ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު، މަގު ހެދުމުގެ ތިންވަނަ ފިޔަވަހި އަދި ކުޅިވަރު ކޮމްޕްލެކްސްއެއް ތަރައްގީކުރުމުގެ އެއްބަސްވުންތަކުގައިވެސް ވަނީ ސޮއިކޮށްފައެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ފޮނަދޫގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ އެހީގައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފޮނަދޫއަށް ވެފައިވާ 500 ގެދޮރުގެ ވައުދުގެ ތެރެއިން ފުރަތަމަ 100 ގެދޮރު އެޅުމުގެ މަސައްކަތް ކޮންޓްރެކްޓް ކުރުމުގެ މަރުހަލާގައި ވާކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *