ރާއްޖޭގެ ތާރީޚީ މައުލޫމާތު އެއްކުރުމަށް ޓަކައި އުމުރުން ދުވަސްވީ މީހުންނާ އިންޓަވިއުކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އާދަމް ނަސީރު ވިދާޅުވީ ރާއްޖޭގެ ތާރީހީ މައުލޫމާތު އެއްކުރުމަށް އުމުރުން ދުވަސްވީ މީހުންގެ އިންޓަވިއުތައް އަންނަ މަހުން ފެށިގެން ނެގުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން ނަސީރު ވިދާޅުވީ، ރަށްރަށުގައި ތިބި އުމުރުން ދުވަސްވީ މީހުންނާ އިންޓަވިއުކޮށް މައުލޫމާތު އެއްކުރުމާ ގުޅޭގޮތުން 70 އަށްވުރެ ގިނަ ކައުންސިލަށް މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ.
"މި މަސައްކަތުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށޭނެ. އެގޮތުން މި މަސައްކަތުގެ ތެރެއިން 50 އަހަރުން މަތީގެ މީހުންގެ ތާރީހީ ވާހަކަތައް އެއްކުރެވި ރައްކާކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.
އާދަމް ނަސީރު ވިދާޅުވީ އެ މަސައްކަތުގެ ބޭނުމަކީ އިލްމީ ތާރީހީ ދިރާސާތައްކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކުރުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުން މައުލޫމާތު އެ މަސައްކަތުގެ ދަށުން އެއްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދިވެހީންގެ ތާރީޚު ރައްކާކުރުމަށް ޓަކައި 50 އަހަރުންމަތީ، ނުވަތަ 60 އަހަރުންމަތީ މީހުންނާ އިންޓަވިއުކޮށް މައުލޫމާތު އެއްކުރުން މުހިންމު ކަމަށެވެ.


