Tuesday, 28 July 2026
މުއާޒް

ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުހުމަތުކުރެވޭ މުޢާޒްގެ ބަންދަށް އިތުރު 10 ދުވަސް

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ މުޢާޒް ޢަލީގެ ބަންދަށް 10 ދުވަސް އިތުރުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި ކަމާ ގުޅިގެން މިހާރު ސަސްޕެންޑުކޮށްފައިވާ މުއާޒުގެ ބަންދާ ބެހޭ މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އިތުރު 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލާގެ ތުހުމަތުގައި މުޢާޒް ހައްޔަރުކުރީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ 5 ދުވަހަށް ބަންދުކުރަން ކޯޓުން ޙުކުމްކުރީ ޖެހިގެން އައި 15 ވަނަ ދުވަހުއެވެ.

މުޢާޒް ޢަލީއަކީ މޯލްޑިވްސް އިންޑަސްޓްރިއަލް އެންޑް ފިޝަރީޒް ކޮންޕެނީ، މިފްކޯގެ ޖެނެރަލް މެނޭޖަރުކަމުގެ މަޤާމު އަދާކުރަމުންދިޔަ މީހެކެވެ. މި މައްސަލަ ފެންމަތިވުމާ ގުޅިގެން މިފްކޯއިން ވަނީ އޭނާ 30 ދުވަހަށް ސަސްޕެންޑްކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *