ރަސްފަންނާއި ސަލްޓަން ޕާކްގެ ހާލަތު ފެނިފައި ހިތާމަ ކުރައްވާ ކަމަށާއި އެ ދެ ތަނުގެ ރީތިކަން އަލުން ގެނެސް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރަސްފަންނާއި ސަލްޓަން ޕާކަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ތަނެކެވެ. އެކަމަކު، އެ ތަން އެންމެ ރަނގަޅު ގޮތެއްގައި ބަލަހައްޓަމުން ނުދާ ކަމުގެ ޝަކުވާ ވަރަށް ގިނަ އާންމުން ވެސް ކުރެއެވެ.
ސާޅީސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ރަސްފަންނު ބީޗު ހުޅުވީ 2016 ވަނަ އަހަރު ރައީސް މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އެވެ. އަދި އެތަން ހެދުމުގައި ރައީސް މުއިއްޒު ވަނީ މުހިންމު ދައުރެއް އަދާވެސް ކުރައްވައިފަ އެވެ.
އާއިލާއާއެކު ރައީސް ރަސްފަންނަށް ޒިޔާރަތްކުރެއްވުމަށްފަހު، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކްގެ ޙާލަތު ފެނިފައި ހިތާމަކުރާ ކަމަށާއި ދެ ތަންވެސް ދަނީ ވީރާނާވަމުން ކަމަށެވެ. މި ދެތަނަކީ ވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން ކަމަށް ރައީސް ވިދާޅުވި އެވެ.
"މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެ ވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވަން،" ރައީސް ވިދާޅުވި އެވެ.


