ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމަށާއި، ވޭތުވެދިޔަ އަހަރުގެ ޤަޟާ ރޯދަތައް އަވަހަށް ފުރިހަމަކުރުމަށް މިއަދު ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
"ޝަޢުބާން މަހުގައި ހެޔޮ އަމަލުކުރުން" މި މައުޟޫޢުގެ މައްޗަށް ޚާއްޞަކުރެވުނު މި ޚުތުބާގައި، ޝަޢުބާން މަހުގެ މާތްކަމާއި، މި މަހުގައި އަޅުކަމުގައި ހީވާގިވުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޝަޢުބާން މަހަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ މަހެކެވެ. އަދި މި މަހުގައި އަޅުކަމުގައި ހީވާގިވުމަކީ ރަމަޟާން މަހުގެ އަޅުކަމަށް ލިބޭ ތަމްރީނެކެވެ. މާތް ނަބިއްޔާގެ އިރުޝާދުފުޅުތަކަށް ބަލާއިރު، މާތްﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ކިތަންމެ މަދުން ނަމަވެސް ދާއިމީ ގޮތެއްގައި ކުރެވޭ އަމަލުކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ވަގުތުތައް ރާވައި، ފިތުރު ޒަކާތް ދެއްކުމަށް ނިޔަތްގަތުމަށާއި، ދީލަތިކަމާއި އޯގާތެރިކަން އިތުރުކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. އަދި ހަމައެއާއެކު، ޒުވާބުކުރުމާއި ހަޑިހުތުރު ބަސްބުނުމުން ދުރުހެލިވުމަށާއި، ކެތްތެރިކަން އިތުރުކުރުމަށްވެސް ގޮވާލާފައިވެއެވެ.
ޚުތުބާގައި އިތުރަށް ފާހަގަކޮށްފައިވަނީ، ޝަޢުބާން މަހުގެ 15 ވަނަ ރޭގެ މާތްކަމާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތަކަކީ ސައްޙަ ނޫން ޙަދީޘްތަކެއްކަމާއި، އިތުބާރުހުރި އިލްމުވެރިން މި ޙަދީޘްތައް ޤަބޫލުނުކުރައްވާކަމެވެ.
ނިންމާލަމުން، ޚުތުބާގައި ވަނީ ކީރިތި ޤުރުއާނާއި ސުންނަތަށް އަމަލުކުރުމުގެ މުހިންމުކަމާއި، ދީނީ ދަރުސްތައް އަޑުއަހައި، އިސްލާމީ ޢިލްމުން ނަފުސު މުއްސަނދިކުރުމަށް ނަސޭހަތްތެރިވެފައެވެ.


