Tuesday, 28 July 2026

ރާއްޖެ ވަޑައިގަތުމަށް އިންޑިއާގެ ނައިބު ރައީސްއަށް ދައުވަތު އަރުއްވައިފި

އިންޑިއާގެ ނައިބު ރައީސް އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ ރާޖްޔާ ސަބާގެ ޗެއާމަން ޖަގްދީޕް ދަންހާރު، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ދައުވަތު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ނައިބު ރައީސް، ޝްރީ ޖަގްދީޕް ދަންޚާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ވަނީ ކުރައްވާފައެވެ.

އަދި އެ ބައްދަލުވުމުގެ ތެރެއިން ޖަގްދީޕް، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް އަބްދުއްރަހީމް އެދިވަޑައިގެންނެވި އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ މި ބައްދަލުކުރެއްވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތަކާއި، ފަތުރުވެރިކަމާއި، ސަރަޙައްދީ ހަމަޖެހުން އިތުރުކުރުމަށް މަޝްވަރާކުރެވުނު ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.

އެ ބައްދަލުވުމުގައި އިންޑިއާގެ ނައިބު ރައީސް ވިދާޅުވީ ރާއްޖެއިން އެދޭ ކޮންމެ އެހީއެއް ދޭން އިންޑިއާއިން އޮތީ ތައްޔާރަށް ކަމަށާއި އަދި ރާއްޖެއާ އޮތް ގުޅުން އަބަދުވެސް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމުގެ ކަމަށެެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *