ދިވެހިންގެ އުފާވެރިކަން މިންކުރުމަށްޓަކައި "ހެޕިނަސް އިންޑެކްސް" އެއް އެކުލަވާލުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފައްޓައިފިއެވެ. މި މަޝްރޫޢު ލޯންޗްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، މާއްދީ ތަނަވަސްކަމާއި ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ރޫޙާނީ ވެށި ހަރުދަނާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޙަޤީޤީ އުފާވެރިކަމުގެ ކިއްލާއަކީ އީމާންތެރިކަމުގެ ނޫރުން އަލިވެފައިވާ ހިތެއް ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އިސްނަގައިގެން ފަށާފައިވާ މި މަޝްރޫޢުގެ ރިސަރޗް ޕާޓްނަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އެވެ. މިއީ ދިވެހިންގެ އުފާވެރިކަން މިންކުރުމަށް ރަސްމީ ސިފައެއްގައި އޮނިގަނޑެއް އެކުލަވާލައި، ފުރަތަމަ ފަހަރަށް ދިވެހި ޤައުމުގެ އުފާވެރިކަމުގެ ނިސްބަތް ދެނެގަތުމުގެ މަޝްރޫޢެކެވެ.
މި ރަސްމިއްޔާތުގައި، މުޖުތަމަޢުގެ އެކި ދާއިރާތަކުން ބައިވެރިވި ފަރާތްތަކުން އުފާވެރިކަމާ ގުޅޭގޮތުން އެ ފަރާތްތަކުގެ ޚިޔާލު ހިއްސާކުރިއެވެ. މީގެ ތެރޭގައި އިސްރަށްވެހިންނާއި، ދަރިވަރުންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޒުވާނުން ހިމެނެއެވެ. އަދި "ހެޕިނަސް އިންޑެކްސް" އަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ލަވައެއްވެސް ތަޢާރަފުކުރެވުނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި މަޝްރޫޢު ފެއްޓެވީ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުން ދެނެގަތުމެވެ. މި މަސައްކަތް ކުރިއަށްދަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭ އުސޫލުތަކަށް ރިޢާޔަތްކޮށްގެންނެވެ.


