Tuesday, 28 July 2026

ތަކަންދޫގައި ހުރި އާސާރީ ތަންތަން ހިމާޔަތްކޮށް، ކަލްޗަރަލް ޓޫރިޒަމް ފުޅާކުރަނީ

ހއ. ތަކަންދޫއަކީ ތާރީޚީ ގޮތުންނާއި ރަށުގެ އާސާރީ ތަންތަނުގެ ގޮތުން ވަރަށް ބޮޑު ޚާއްސަކަމެއް ދޭންޖެހޭ ރަށެއް ކަމަށާއި، އެ ތަންތަން ހިމާޔަތްކޮށް ކަލްޗަރަލް ޓޫރިޒަމް ފުޅާކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހއ. ތަކަންދޫއަކީ ތާރީޚީ ބިނާތަކެއް ހުރި ރަށެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ބިނާއަކީ އުތީމު އަލިތަކުރުފާނުގެ ޒިޔާރަތެވެ. އަދި އެރަށުގައި ހިރިގަލުގެ ގަބުރަސްތާނެއްވެސް އޮވެއެވެ. އަދި އިހުގެ ވެވުވެސް ތަކަންދޫގައި ހުރެއެވެ.

ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ޒިޔާރާތްކުރުމަށް ރައީސް މުއިިއްޒު މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ވަނީ ތަކަންދުއަށް ޒިޔާރާތްކުރައްވައިފައެވެ. އަދި އެ ރަށުގެ އާސާރީތަންތަން ރައީސް ބައްލަވައި ލެއްވެވިއެވެ. އޭގެ ތެރޭގައި އެ ރަށުގައި ހުންނަ އަލިތަކުރުފާނުގެ ޒިޔާރަތާއި ދުވަސްވީ ސަހަރާ ވެސް ހިމެނެއެވެ.

ހއ. ތަކަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ތަކަންދޫއަކީ ތާރީޚީ ގިނަ ބިނާތަކެއް ހުރި ރަށެއްކަމާއި، ޤައުމިއްޔަތު ކުރިއެރުވުމުގައިވެސް މުހިންމު ރަށެއްކަމަށެވެ.

ޤައުމީ ދުވަސް ނިސްބަތްވެވަޑައިގަންނަވާ އުތީމު ތިންބެއިންނާ ގުޅުންހުރި ބައެއް ތާރީޚީ ބިނާތައް ތަކަންދޫގައި ހުރިކަން ފާހަގަކުރައްވަމުން ރައީސް ވަނީ ތަކަންދޫގެ ހިރިގަލުގެ ގަބުރަސްތާނަކީ ރާއްޖޭގެ އެފަދަ އެންމެ ބޮޑު ގަބުރަސްތާނަށްވުން އެކަށީގެންވާކަމަށް ވިދާޅުވެފައެވެ. އެފަދަ ތާރީޚީ ގިނަ ބިނާތަކެއް ހުރުމުން، ޤައުމީ ވިސްނުމުގައި ސަމާލުކަން ދޭންޖެހޭ ރަށަކަށް ތަކަންދޫ ކަނޑައަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމުގެ ތާރީޚު ހިމާޔަތްކުރުމުގެ ސިޔާސަތުގެ ތެރެއަށް ބަލާއިރު ވެސް ވަރަށް މުހިންމު އިސްކަމެއް ދޭންޖެހޭ 'ޔުނީކް' ކަމެއް ލިބިގެންވާ މަދު ރަށްތަކުގެ ތެރޭގައި ތަކަންދޫ ހިމެނޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރަށުގައި ހުރި ތާރީޚީ ތަންތަން ހިމާޔަތްކުރުމަށް ބަޖެޓުގެ ތެރެއިން ވެސް ޚަރަދުކުރައްވާނެ ކަމަށެވެ. އެގޮތުން އެތަންތަން ސަލާމަތްކޮށް، ރިނޮވޭޓްކޮށް، އޭގެ ހަގީގީ ސިފައަށް އިއާދަކުރުމަށްފަހު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަޝްރޫއެއް ހިންގަވާނެކަމަށް ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *