ރާއްޖެ އާއި ޗައިނާ އަށް އިތުރަށް ފައިދާވާ ގޮތަށް ކުރިޔަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން ބަދަލުވެގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ އާ އަހަރުގެ މުނާސަބަތާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި އެ ގައުމުގެ ރައްޔިތުންނަށް ރައީސް ވަނީ ތަހުނިޔާ ފޮނުއްވައިފައެވެ.
ރައީސް ފޮނުއްވި މެސެޖްގައި ވިދާޅުވީ ރާއްޖެއިން "ވަން ޗައިނާ" ޕޮލިސީއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ޖެހޭ ކަމަށެވެ. އަދި "ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް" އިތުރަށް ހަރުދަނާ ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސްގެ މެސެޖުގައި އަލިއަޅުއްވާލައްވައިފައާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޗައިނާއާ އެކު އުފެދިފައި ވަނީ އުންމީދީ އަދި އިހްތިރާމްގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް ކަމަށާއި އަދި އެގޮތަށް ދެމިގެންދާ އެ ގުޅުން ރާއްޖެއިން އަގުވަޒަން ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
އާ އަހަރަށް ޗައިނާއަށް މަރުހަބާ ދެންނެވި އިރު، އެ ގައުމާ އެކު އޮތް ގުޅުން ދެ ގައުމަށް ވެސް ފައިދާ ވާ ގޮތަށް ބަދަލުވެގެން ދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.


