Tuesday, 28 July 2026

ރާއްޖެ-އިންޑިއާ ގުޅުން އިތުރަށް ބަދަހިކޮށް އެކުގައި މަސައްކަތްކުރުމަށް ތައްޔާރު: ރައީސް

ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމަށް ފައިދާވާނެ ދާއިރާތަކުން އެކުގައި މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއަށާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ސަރުކާރަށާއި އަދި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ދެ ގައުމު އެކުގައި ތަޖުރިބާކުރަން ޖެހުނު ގިނަ ކަންކަމާއެކު، އިތުބާރާއި އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އަދި އިންޑިއާއާއެކު ހިއްސާކުރާ އެކުވެރިކަމާއި އެއްބާރުލުމުގެ ވަރުގަދަ ގުޅުމުގެ އަގު ރާއްޖެއިން އަބަދުވެސް ވަޒަންކުރާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ފާއިތުވި އަހަރުގެ އޮކްޓޫބަރު މަހު ރައީސް މުއިއްޒު ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އެއްބަސްވުންތަކާއި ފަހުމުނާމާތަކުގައި ސޮއިކުރެވި، ނޯޓް ވާބަލް ބަދަލުކުރެވި އަދި ބައެއް މަޝްރޫޢުތައް އިފްތިތާޙުކުރެވުނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *